19:00


ވަޒީރުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހާ މުޢާމަލާތު ކުރާނެ ގޮތުގެ މާއްދާތައް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައި ފާސްކުރައްވައިފި އެވެ.


މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލިސްގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރައްވަން މިފެށްޓެވި ގަވާއިދަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުން އެކުލަވައިލައްވާފައިވާ ގަވާއިދެއް ކަމަށާއި އެގަވާއިދު އެކުލަވައިލެއްވުމުގައި، އަސާސްތަކެއް ކަމަށް ބައްލަވާފައި ވަނީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އާއި، ޤާނޫނު އަސާސީގެ ފަސް ވަނަ ބާބު "ވަޒީރުންގެ މަޖިލިސް" މިބާބުގެ މާއްދާތަކުގެ ދަށުން ކުރެވޭ ވަޒީރުންގެ ހުވައާއި، ހުވާކުރުމަށްފަހު ވަޒީރުން ސޮއިކުރައްވާ ހުވާގެ އިޤްރާރާއި، ވަޒީރުންގެ މަޖިލީހުގެ ކަންތައްތައް ހިންގުމާއި ބެލެހެއްޓުމާ ގުޅޭގޮތުން މިހާތަނަށް ޢަމަލު ކުރައްވަމުން ގެންދަވާފައިވާ އުޞޫލުތަކަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރައްވާފައިވުމާއި، އަދި މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރުން ނުވަތަ އެކްސްޕޯޓް ކުރުން މަނާކުރައްވާފައިވާތީ، މިކަން މަނާކުރެއްވިއިރު، މިޔަރުގެ މަސްވެރިކަން ކުރަމުންދާ ކަމަށް ފާހަގަކުރެއްވިފައިވާ ފަރާތްތަކަށް އިޤްތިޞާދީ އެހެން މަސައްކަތެއް ކުރުމަށް ނުވަތަ އާމްދަނީއެއް ލިބޭނެ ގޮތެއް ހޯދުމަށް މަގުފަހިކޮށްދެއްވުމަށް ނިންމެވި އެވެ. މިކަން ނިންމެވީ މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ މީހުންނަށް ލިބުނު ގެއްލުމަށް ބަދަލެއް ދެއްވުމުގެ ގޮތުން ކަމަށާއި މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ، މި ތިން މިނިސްޓްރީ ބައްދަލުކުރައްވައި، ބަދަލުދެއްވާނެ އުޞޫލެއް ކަނޑައަޅުއްވައި، ވަރަށް އަވަހަށް އިޢްލާނު ކުރެއްވުމަށް ނިންމެވި އެވެ.