04 Mar 2010, 11:44
10:00
ބާރު ސްޕީޑްގައި ދުއްވައިފައިދިޔަ ސައިކަލަކުން ޖެހި ތިން އަންހެން ކުއްޖަކަށް އެކި ވަރުގެ އަނިޔާ ލިބިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިންގީ މަޖީދީމަގުން ސައްޔިދުކިލޭގެފާނު މަގަށް ބާރު ސްޕީޑްގައި ވަދެގެންދިޔަ ސައިކަލެއް ކަރޯޝިއާމް ގަރާޖް ކައިރިން ހިނގާފައިދިޔަ ތިން ކުދިންގެ ގައިގާ ޖެހިގެންނެވެ.
އައިޖީއެމްއެޗުން ބުނީ ތިން ކުދިންނަށް ވެސް ރޭ އިމަޖަންސީ ރޫމްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކުދިންނަށް ލިބިފައި ހުރި އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުންނެއް ނުދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝާލަކު މިއަދު ވިދާޅުވީ ރޭ 11 ޖަހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި ތިން އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ކުއްޖަކަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ. އަދި ސައިކަލު ދުއްވި މީހާއަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.