11 Apr 2023, 14:52
ވިސާ ހަމަނުޖެހިގެންކަމަށް ބުނެ ސަފާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ނުފުރުނު މީހުން އުމްރާއަށް މިއަދު ފުރައިފިއެވެ.
އެ މީހުން އުމްރާއަށް މިއަދު ފުރީ ޗާޓަރު ފްލައިޓަކުންނެވެ. އެއީ ސައުދީގެ ސަލާމް އެއާގެ ފްލައިޓެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއަދު އެ ގްރޫޕުން ފުރައިފައިވަނީ 182 މީހުންނެވެ.
އެ މީހުން ފުރީ މިއަދު ހެނދުނު 11:00ގައެވެ.
މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ފުރަން އޮތް އެ ދަތުރު ކެންސަލް ވުމާ ގުޅިގެން ގިނަ ބަޔަކުވަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ.
އެ ދަތުރު ކެންސަލްކުރީ އެންމެ ފަހު ވަގުތު އުމްރާއަށް ދާން ތައްޔާރަށް ތިބި މީހުން އެއާޕޯޓަށް ދާން ވަަރަށް ގަޑި ކައިރިވެފައިވަނިކޮށެވެ. އުމުރާ ދަތުރު ކެންސަލްވީ ވާހަކަ އެންގީ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.
މި މައްސަލަ އިސްލާމިކް މިނިސްޓްރީން ބެލުމަށްފަހު ވަނީ ނޫސްބަޔާނެއް ވެސް އާންމުކޮށްފައެވެ.
އޭގައިވަނީ ވިސާ ނުލިބިގެން ސަފާ ގްރޫޕް މީހުނަށް އުމްރާއަށް ފުރޭގޮތް ނުވީ އެ ގްރޫޕުން ދުރާލާ ވިސާ ނެގުމުގެ ކަންކަން ހަމަޖައްސާފައި ނުވުމުން ކަމަށެވެ. މިގޮތުން ތިން މަސް ދުވަހަށް އުމްރާ ވިސާ ލިބޭކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރިއެވެ.
ނަމަވެސް ސަފާ ގްރޫޕުން އެ ބަޔާނާ ގުޅިގެން ބުނީ ކުރިއާލައި ވިސާ ހަމަޖެއްސުމުގެ މަސައްކަތް އެ ގްރޫޕުން ކުރި ކަމަަށެވެ.
ނަމަވެސް ވިސާ ހަމަނުޖެހޭކަން ޔަގީންނުވީ، ވިސާ ހަމަޖައްސައިދޭން މަސައްކަތްކުރި އެޖެންސީން ވިސާ ހަމަޖެހިފައިވާކަމަށް ބުނުމުންކަމަށެވެ.