ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 0.01 އިންސައްތަ ފައިސާ ދޫކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް މިއަދު "ސަން"އަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫނުގައިވާ ކަންކަން ފުރިހަމަކޮށް ޝަރުތު ހަމަވާ ޕާޓީތަކަށްވާ ފައިސާ ދޫކޮށްދިނުމަށް އެދި ފިނޭންސަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. މިއަހަރު ފައިސާ ދޫކުރުމަށް ޝަރުތު ހަމަވާ ޕާޓިތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްއެންޕީ، އަދި އަދާލަތު ޕާޓީއެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރު ފާސްކޮށްފައިވާ ބަޖެޓުގައި ޖުމްލަ 36.9 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މިއަހަރުގެ ބަޖެޓުން ފައިސާ ދޫކުރާ ޕާޓީތަކާއި ދޫކުރާ އަދަދު:

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ): 14،212،790.92 ރުފިޔާ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 9،544،204.46 ރުފިޔާ
ޖުމްހޫރީ ޕާޓީ (ޖޭޕީ): 5،680،521.16 ރުފިޔާ
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ): 2،591،106.24 ރުފިޔާ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ): 2،434،979.29 ރުފިޔާ
އަދާލަތު ޕާޓީ: 2،412،485.93 ރުފިޔާ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް އަންނަނީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.

ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި ތިބޭ މެމްބަރުންގެ އަދަދަށް ރިއާޔަތްކޮށްފައެވެ. ނަމަވެސް މެމްބަރުންގެ އަދަދަށްވުރެ ޕާޓީތަކުން ބައިވެރިވާ އިންތިޚާބުތަކާއި، ލިބޭ ކާމިޔާބީގެ މައްޗަށް ބިނާކޮށް ޕާޓީތަކަށް ފައިސާ ދޫކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އީސީ އާއި ބައެއް ޕާޓީތަކުން ވަނީ ބުނެފައެވެ.

ޕާޓީތައް ހިންގުމަށް ދައުލަތުން ފައިސާ ދޫކުރަނީ ޕާޓީތަކުން ކޮންމެ އަހަރަކު ހިންގާ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލާ އަހަރީ ރިޕޯޓާއި މާލިއްޔަތު ރިޕޯޓަށް ބެލުމަށްފަހުއެވެ.