ޕޯސެލިން އިން ތައްޔާރުކޮށްފައިވާ ކުޑަކުޑަ ބޯތަށްޓެއް ޗައިނާގައި 25 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލާފައިފިއެވެ.

ޗައިނާގެ ހޮން ކޮންގައި ދާދި ފަހުން ބޭއްވި ޗައިނީސް އާޓްސް ސޭލެއްގައި ނީލަމަށް ލައިގެން ވިއްކާލާފައިވާ ބޯތަށީގެ ފުޅާ މިނުގައި ހުންނަނީ 4.5 އިންޗެވެ.

ދުނިޔޭގައި ނީލަމަށް ތަކެތި ވިއްކުމުގައި މަޝްހޫރު ބްރޭންޑް ކަމަށްވާ ސަދަބީސް އިން ކުރިއަށް ގެންދިޔަ އެ ސޭލުގައި ވިއްކާލާފައިވާ ބޯތަށްޓަކީ 18ވަނަ ގަރުނުގައި މުހިއްމު ފަރާތަކަށް ނިސްބަތްވެފައިވާ އެއްޗެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޔޮންގްޖެންގް އެމްޕަރާގެ ދުވަސްވަރުގައި ތައްޔާރު ކޮށްފައިވާ އެ ބޯތަށްޓަކީ 300 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޯތަށްޓެކެވެ. އެއީ 1722 އާއި 1735 އާ ދެމެދުގެ ދުވަސްވަރެވެ.

ހޮނިހިރު ދުވަހު ނީލަމުން ވިކިފައިވާ އެ ބޯތަށީގައި ކުރަހާފައިވާ ޑިޒައިންތަކަކީ އެ ދުވަސްވަރުގެ މަގުބޫލު ޅެމަކަށް ބިނާކޮށް ކުރަހާފައިވާ ޑިޒައިނެކެވެ. މި ޑިޒައިންގައި ދެ ދޫންޏާއި އެޕްރިކޮޓް ގަހަކާއި އޭގައި މާ އަޅާފައިވާ މަންޒަރު ފެންނަން ހުންނާނެއެވެ.

މި ބޯތަށްޓަކީ މީގެ ކުރީން ވެސް އެކި ފަހަރުތަކުގެ މަތީން އެކި މީހުންނަށް ލިބިފައިވާ އެއްޗެކެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ސޯޝަލައިޓް ބާބަރާ ހަޓަން ފަދަ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ފަހުން މި ބޯތަށި އޮތީ ވިޔަފާރި ވެރިއެއް ކަމަށްވާ އެލިސް ޗެން އަތުގައެވެ. އޭނާ އެ ބޯތަށި ގަނެފައިވަނީ 19.3 މިލިއަން ޑޮލަރަށެވެ.

ބޯތަށި ވިއްކާލާފައިވާ އާޓް ސޭލް އިވެންޓުގެ ތެރެއިން ޗައިނާގެ ތާރީހާ ގުޅޭ ތަފާތު ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން އަގު ބޮޑު ތާރީހީ ކުރެހުންތައް ވެސް ހިމެނެއެވެ. މި ހުރިހާ ތަކެއްޗަށް ވަނީ ޖުމްލަ 208.5 މިލިއަން ޑޮލަރު ލިބިފައެވެ.