މާލޭގައި ބިދޭސީއަކު އޭނާގެ އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅި ހެރި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 27 އަހަރުގެ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލަގައި ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަންހެން މީހާ ހެކިބަސް ދީފައިވަނީ ތަހުގީގީގަށް އޭނާ ދިން ބަޔާނާ ޚިލާފަށެވެ. ފިރިމީހާ ހަމަލާ ދިން ކަމަށް ތަހުގީގު މަރުހަލާގައި އަންހެން މީހާ ހެކިބަސް ދީފައި ވާއިރު، ހަމަލާ ދިން ކަމަށާއި ފުލުހުން އެތަނަށް ދިއުމުން އަމިއްލަ ބަނޑަށް ވަޅި ހެރި ކަމަށް ފިރިހެން މީހާ ވަނީ މީގެ ކުރިން އިއުތިރާފް ވެސް ވެފައެވެ.

ދައުލަތުން ހުށަހެޅި ދައުވާ ގައި ބުނެފައިވަނީ އަންހެން މީހާއަށް ހަމަލާ ދީފައިވަނީ އޭނާ ނިދާފައި އޮއްވާ ކަމަށެވެ. ނަމަވެސް ކޯޓުގައި އޭނާ މިއަދު ބުނީ ނިދަން އޮތީ ސިޓިން ރޫމުގައި އޭނާ ތަރުކާރީ ކޮށަން އިންނަ ތަނުގައި ކަމަށާއި، އެތަނަކީ ވަޅި ހުންނަ ތަނެއް ކަމުން ވަޅި ހެރުނީ ނިދީގެ ތެރޭގައި ކަމަށެވެ.

އަދި، ފިރިމީހާ ވަޅި ހެރީ ކަމަށް ބުނެ ކުރިން ބަޔާން ދިނީ ޑީޕޯޓްކޮށްލާނެ ކަމަށް ބުނުމުން ކަމަށް އޭނާ ބުނެފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ މީހަކަށް ފެންނަ ތަނެއްގައި ކަމަށް ނުވާތީ މުޅި ދައުވާ ބިނާކޮށްފައި އޮތީ ދެ މީހުންގެ ހެކި ބަހާ ބަޔާނުގެ މައްޗަށެވެ.

ތަހުގީގުގައި ދިން ބަޔާނަށް ދެ މީހުންވެސް އިންކާރު ކުރުމުން ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޒަޚަމްވެފައިވާ އަންހެން މީހާ ފުލުހުންގެ އެހީތެރިކަމާއެކު ގެއެއްގެ ސިޑިން ފައިބައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީގެކުރިން ވަނީ މީސްމީޑިއާގައި އާންމު ވެފައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.