22 Apr 2012, 16:12
މާލޭ ބަނދަރުގައި އޮތް ދެ ޕެސެންޖާ ލައިނުން މިއަދު މާލެއަށް ފޭބި ގިނަ ޓޫރިސްޓުންތަކެއް ނިވާކަން ކުޑަ ހެދުމުގައި އާޓިފިޝަލް ބީޗުގެ މޫދަށް އެރޭ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހުއްޓުވަން މާލޭ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ސުޖާއު މިއަދު ވިދާޅުވީ ކްރޫޒްލައިނާ ތަކުން މާލެއަށް ފޭބި ބައެއް ޓޫރިސްޓުން ނިވާކަންކުޑަ ހެދުމުގައި އާޓިފިޝަލް ބީޗަށް މިއަދު މޫދަށް އެރެމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. ސުޖާ ވިދާޅުވީ ސިޓީ ކައުންސިލްގެ މުވައްޒަފުން މިހާރު އެ ސަރަހައްދު ބަލަހައްޓަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެކަމަށް އެކްޝަން ނަގައިގެން މިތިބީ. އަޅުގަނޑުމެންގެ އާންމު ހިދުމަތްތަކުގެ މުވައްޒަފުންތަކެއް އެތަނަށް ފޮނުވައިގެން އެގޮތަށް މޫދަށް ނޭރުމަށް މިދަނީ އިރުޝާދު ދެމުން،" ސުޖާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާޓިފިޝަލް ބީޗަށް ނިވާކަންކުޑަ ހެދުން ލައިގެން މޫދަށް އެރުމަކީ އަބަދު ވެސް މަނާ ކަމެއް ކަމަށާއި ޓޫރިސްޓުން އެގޮތަށް މޫދަށް އެރެނީ އެ މީހުންނަށް އެގޮތަށް އިރުޝާދު ދެވިފައި ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް އެ ސަރަހައްދުގައި އެކަން އަންގައިދޭ ބޯޑުތަކެއް ބަހައްޓާނެ ކަމަށާއި ބޯޑުތަކުގެ މަސައްކަތް މިހާރުވެސް ހުރީ ނިމިފައި ކަމަށެވެ.
ސުޖާއު ވިދާޅުވީ ގިނަ ޓޫރިސްޓުންތަކެއް މާލެ އައުމާއެކު މާލޭގެ ވިޔަފާރިއަށް މިއަދު ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެ ކައުންސިލުންވެސް އެކަމާ އުފާކުރާ ކަމަށެވެ.
"އަޅުގަނޑުމެން އެގޮތަށް ގިނަ އުޅަދުތައް އައުމަށް މަރުހަބާ ކިޔަން،" ސުޖާ ވިދާޅުވި އެވެ.
މާޔާގެ އޮފިޝަލަކު ވިދާޅުވީ މާލެއަށް ފައިބައިގެން އުޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް މާޔާއިން އޮންނާނީ އެޖެންޓުން މެދުވެރިކޮށް ޕެސެންޖާ ލައިންތަކަށް އަންގާފައި ކަމަށެވެ.
މާޔާއިން ބުނީ މިހާރު މާލެ ބަދަރުގައި އޮތް "ކޯސްޓަލް ކްލެސިކާ" އާއި "ކޯސްޓަލް ވިކްޓޯރިޔާ" އިން 3000 އަށްވުރެ ގިނަ ޓޫރިސްޓުން މާލެ ފައިބާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.