11 Apr 2023, 09:20
ޔަޝް ރާޖް ފިލްމްސްގެ ދަށުން ހިންގާ ސްޕައި ޔުނިވާސްގެ ޚާއްސަ ފިލްމު "ޓައިގާ ވާސަސް ޕަތާން" ރިލީޒްކުރުމަށް ފަހު ފިލްމަށް ފައިދާގެ ގޮތުގައި ލިބޭ އާމްދަނީގެ ސާޅީސް ޕަސެންޓް ފިލްމުގެ ދެ އެކްޓަރުންނަށް ދޭން ޔަޝް ރާޖް ކުންފުނިން ނިންމައިފިއެވެ.
އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ޚާއްސަ ފިލްމުގެ ސާޅީސް ޕަސެންޓް ލީޑް ރޯލް ދެ އެކްޓަރުންނަށް ދޭން ނިންމިއިރު ޔަޝް ރާޖް ފިލްމްސްއަށް ނެގުމަށް ނިންމާފައިވަނީ ލިބޭ އާމްދަނީގެ ވިހި ޕަސެންޓެވެ.
ބޮކްސް އޮފީހުގައި ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދާ ފިލްމުތަކުން ލިބޭ ފައިދާގެ ވަކި މިންވަރެއް ފިލްމުގެ ލީޑް ރޯލް ތަރިންނަށް ދިނުމަކީ ފަހަކަށް އައިސް ބޮލީވުޑްގައި އާއްމުކޮށް ކުރާ ކަމެކެވެ. ފިލްމީ ތަރިން ފިލްމުތަކަށް ސޮއިކުރުމުގެ މަރުޙަލާގައި މި އެއްބަސްވުން ވެސް އޮންނަނީ ފިލްމު ކުންފުންޏާ ދެމެދު މަޝްވަރާކުރެވި ނިމިފައެވެ.
ޔަޝް ރާޖްގެ ސްޕައި ކުންފުނިން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އެންމެ ވަރުގަދަ މި ފިލްމަކީ، ވަރަށް ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމެއް ކަމުން ޔަޝް ރާޖް ކުންފުންޏަށް ދޭން ނިންމި ހިއްސާގެ ބައި ކުޑަ ނަމަވެސް އެއީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އާމްދަނީއެއް ކަމަށް ސްޕައި ކުންފުނިން ވަނީ ބުނެފައެވެ. މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު "ޕަތާން" ބޮކްސް އޮފީހުގައި މުގުރާލި ރެކޯޑްތަކާ އެކު "ޓައިގާ ވާސަސް ޕަތާން"ވެސް ކުރި ހޯދުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ޤަބޫލުކުރާކަމަށް ޔަޝް ރާޖް ކުންފުނިން ވަނީ ބުނެފައެވެ.
މި ފިލްމަކީ، އެކްޓަރު ސަލްމާން ޚާނާއި ޝާހްރުކް ޚާން އެކީގައި ކުޅުނު ފިލްމު "ކަރަން އަރުޖުން"އަށް ފަހު ދެ ތަރިންގެ ކުރިމަތިލުންތަކެއް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
މީގެ ކުރިން ދެ ތަރިން ވެސް ބޮޑަށް ފެނިފައިވަނީ ފިލްމުތަކުގެ ޚާއްސަ ފެނިލުންތަކުންނެވެ. ދެ ތަރިން ވެސް އެއްވަރަށް ފިލްމުގައި މުހިއްމު ރޯލް ކުޅެން ހަމަޖެހިފައިވާއިރު މި ފިލްމުން ބަތަލާ ކެޓްރީނާއާއި ދިޕިކާ ފެނިދާނެތޯ ނުވަތަ ނޫންތޯ މިއީ އަދި ޖަވާބު ނުލިބޭ ސުވާލެކެވެ. ޔަޝް ރާޖް ކުންފުނިން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވާ މި ސީކުއަލްގެ އިތުރު ތަފުސީލުތައް ޑައިރެކްޓަރު އަދިތްޔާ ބޭނުންވަނީ ވެސް މި ވަގުތަށް ސިއްރުކޮށްފައި ބޭއްވުމަށެވެ.