11 Apr 2023, 09:14
ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ސަލްމާން ޚާންގެ ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން"ގެ ޓްރެއިލާ ރަސްމީކޮށް އާއްމުންނަށް ދައްކާލައިފިއެވެ.
މި އަހަރުގެ ފިތުރު ޢީދާ ދިމާކޮށް ސަލްމާން ޚާން ބެލުންތެރިންނަށް ގެނެސްދޭ މި ފިލްމަކީ މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ. ސަލްމާން ޚާންގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ މި ފިލްމަކީ ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާ ފެމިލީ އެންޓަޓެއިނާއެކެވެ.
ފަރްހާދު ސަމްޖީ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ރޯލުން ސަލްމާން ޚާން ފެންނައިރު ސަލްމާންގެ ބައިވެރިޔާގެ ރޯލުން ފެންނާނީ ބަތަލާ ޕޫޖާ ހެޖްއެވެ. މީގެ އިތުރުން ތެލުގޫ ސިނަމާގެ މަޝްހޫރު އެކްޓަރު ވެންކަތޭޝް، ޖަގަޕަތީ ބާބޫ އަދި ޓެލެވިޒަން ޝޯވްތަކުން ފެންނަ ނެށުންތެރިޔާ ރާގަވް ޖުޔަލް ހިމެނެއެވެ.
މި ފިލްމަކީ، ކަލާސްގެ ބިގް ބޮސް ޝޯވްއިން ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ޝެހެނާޒް ގިލް އަދި ޓީވީ ސީރީސްތައް ކުޅޭ ބަތަލާ ޝްވޭތާ ތިވާރީ (ޕްރޭނާ)ގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ތަޢާރަފްވާ ފިލްމު ވެސް މެއެވެ. ސަލްމާން ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތައްކަމަށްވާ "ތޭރޭ ނާމް" އަދި "މޭނޭ ޕިޔާރްކިޔާ"ގެ ބަތަލާއިން ކަމަށްވާ ބަގިޔާޝްރީ އަދި ބޫމިކާ ޗާވްލާ ވެސް ފިލްމުން ފެންނާނެއެވެ.
ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ސަލްމާން ޚާންއާއި ޕޫޖާގެ ކެމިސްޓްރީ ވަރަށް ގިނަބަޔަކަށް ވަނީ ކަމުގޮސްފައެވެ. މި ފިލްމުން ކޮމާޝަލް ހިންދީ ފިލްމެއްގައި ހުންނަންޖެހޭ ހުރިހާ ރަހަތަކެއް އެބަހުރި ކަމަށް ޓްރެއިލާ ރިލީޒްވުމާ އެކު ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ. މިމަހު 21ގައި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ތާވަލުކުރެވިފައިވާއިރު މި ފިލްމުގެ ޑިސްޓްރިބިއުޓް ކޮށްފައިވަނީ ޒީ ސްޓޫޑިއޯސްއިންނެވެ.