10 Apr 2023, 23:31
ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ބަހަން ހަދިޔާކުރި 30،000އަށް ވުރެ ގިނަ ކާށި ބެހުމުގެ އިންތިޒާމުތައް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ އަންގާރަ ދުވަހުން ފެށިގެން ކާށި ބަހަން ފަށާނެކަމަށެވެ.
އަންނަ އާދިއްތަ ދުވަހާ ހަމައަށް ކާށި ބަހާނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. ސިޓީ ކައުންސިލުން ވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހެއްކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަން އެދިފައެވެ.
ހޯމަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވައިލައިގެން ހުރިހާ ދިވެހިންނަށް ކާށި ބަހާނެއެވެ. ކާށި ޕެކެއް ބަލައި އަންނައިރު އައިޑީ ކާޑު ގެނައުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.
ކާށި ބެހުން ކުރިއަށް ދާނެ ތަނާއި ވަގުތު:
މާލެސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭބައި/ތައިސޭކޮށި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:30 އަށް، އަދި ރޭގަނޑު 21:30 އިން 23:30 އަށް
މާލޭ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް "ސަން"އަށް ވިދާޅުވީ މިހާރު ޖުމްލަ 30،000 ކާށި އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ކުރިއަށް ދަނީ ކޮތަޅު ޕްރިންޓް ކުރުމުގެ މަސައްކަތް. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ސްޓޭޝަން ޖަހާނަށް އާއްމު ޚިދުމަތާ ބެހޭ ބައިގަ ކާށި ބެހުމުގެ މަސައްކަތް ކުރުމަށް. ޕްރިންޓް މިކުރަނީ ގާތްގަނޑަކަށް 8،000 ކޮތަޅު. ކޮންމެ ކޮތަޅެއްގަ ފަސް ކާށި ބަހާ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
އުއްޗު ކާށިތަކެއް ހަދިޔާކޮށްފައި މި ވަނީ ރާއްޖޭގެ ގިނަ ރުށްތަކަކަށް ބަލި ޖެހި، ދިވެހި ކާށި ލިބުން އިންތިހާއަށް ދަތި ދަނޑިވަޅެއްގައެވެ.