22 Apr 2012, 15:48
ގައުމީ ހެލްތު އިންޝުއަރެންސް ހިދުމަތް ދެމުންދާ އާސަންދަ ޕްރައިވެޓް ލިމިޑެޓްގައި ކޮރަޕްޝަންގެ އަމަލްތަކެއް ހިނގަމުންދާ ކަމަށް ތުހުމުތަކުރެވިގެން އެ ކުންފުނި އޮޑިޓް ކުރަން އޮޑިޓާ ޖެނަރަލާ ހަވާލު ކުރަން މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީން ބަލަމުންދާ އާސަންދައާބެހޭ މައްސަލާގައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި ހިމަނާފައި ވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން އާސަންދަ ކުންފުނީގެ ތިން މަހުގެ އޮޑިޓެއް ކުރުމަށެވެ. އަދި އެއް މަސްދުވަހުގެ ތެރޭ އާސަންދަ ކުންފުނި އޮޑިޓްކޮށް ނިންމަން އޮޑިޓާ ޖެނަރަލްއަށް އެންގުމަށް ވެސް ރިޕޯޓްގައި ހިމަނާފައިވެ އެވެ.
އާސަންދަ ކުންފުނި އޮޑިޓް ކުރުމަށް މާލިއްޔަތު ކޮމެޓީގެ ނިންމީ އާސަންދައިގެ ހިދުމަތް ހޯދާފައިވާ މީހުންގެ ތަފާސް ހިސާބާ ނުބައްދަލު ފައިސާތަކެއް ހަރަދުކޮށްފައިވާތީ އެވެ. އަދި އާސަންދައިންގެ ބައެއް ހިދުމަތްތައް ހޯދި މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައި ވުމެވެ.
އާސަންދަ ކުންފުނި އޮޑިޓް ކުރުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. ކާނަލްގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އާސަންދަ ހިދުމަތުން ނާޖައިޒް ފައިސާ ހޯދައިގެން ކުރި ހޯދަނީ ސިއްހީ ފަރުވާދޭ އަމިއްލަ ތަންތައް ކަމަށެވެ. އަދި އެއީ އެއް ނެޓްވޯކެއްގެ ތެރެއިން ހިނގާ ކަމައް ކަމަށް އޭނާ ތުހުމަތު ކުރެއްވެވި އެވެ. އެ ގޮތުން ހެލްތު މިނިސްޓްރީގައި ތިއްބަވާ އިސް ބޭފުޅުންގެ ކްލިނިކްތަކާއި އަދި ބޭސް ފިހާރަތައް ހިންގަވާ ކަމަށާއި އެތަނަށް ފައިދާވާ ގޮތައް ހެލްތު މިނިސްޓްރީން ކަންތައްތަކެއް ރާވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވެވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސަ (ގަޕޯ) ވިދާޅުވީ އާސަންދައިން ހިދުމަތް ހޯދާފައިވާ މީހުންގެ ތެރެއިން ބޭސް ފަރުވާ ހޯދައިފައިވާ މީހުންނާއި އައިނު ހައްދާފައިވާ މީހުންގެ އަދަދަކީ އިންސާނެއްގެ ސިކުނޑިއަށް ގަބޫލު ކުރެވޭނެ އަދަދެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އައިނު ހެއްދި މީހުންގެ އަދަދު އެންސްޕާއިން މާލިއްޔަތު ކޮމެޓީއަށް ހިއްސާކޮށްފައިވާ ގޮތަށް އައިނު ހެއްދި މީހުންގެ ނަންތަކާއެކު ލިސްޓެއް ކޮމެޓިއަށް ފޮނުވުމަށް އޭނާ އެދުނެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ އާސަންދައަށް ކޮންމެ ދުވަހަކަށް ތިން މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ބުނާއިރު މިހާތަނަށް ހަރަދުވީ ފައިސާގެ ތަފްސީލެއް ކޮމެޓީއަށް ހުށަހެޅާފައި ނުވާ ކަމަށެވެ.