10 Apr 2023, 22:49
ނ. މަނަދުއިން އަޙްމަދު ސާއިލު އަލީ
މަނަދޫގައި މިދިޔަ ހުކުރު ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާތީ، މަނަދޫ ކައުންސިލުން މި ރަށުގައި ހުންނަ އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
ނައީމާ މޫސާގެ މަރާއި ގުޅިގެން މަނަދޫގައި ތަފާތު އެކި ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ރަށުގައި ނައީމާ މޫސާގެ ގާތިލު މިހާރު ހުރިކަމެއް ނުވަތަ ނެތްކަމެއް ޔަގީން ނުވާއިރު، ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ.
ނައީމާގެ އަނިޔާވެރި މަރާއި ގުޅިގެން ނަފްސާނީ ގޮތުން ބައެއް މީހުނަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް މީހުންނަށް ނިދަން ނުކެރުމާއި، ގޭގައި އެކަނި ހުންނަން ނުކެރުމާއި، އެ ނޫން ވެސް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުނެއެވެ.
ނ.މަނަދޫގައި ހުންނަ އަތޮޅު ފުލުހުންގެ މަރުކަޒުގެ އެންމެ އިސްކޮށް މަސައްކަތްކުރާ ފުލުހުންގެ ބޭފުޅުންނާ އެކު މަނަދޫ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމާގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހު ވިދާޅުވީ، މި ބައްދަލުވުމުގައި ނައީމާގެ މަރުގެ ތަހްގީގާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލުކުރި ކަމަށެވެ. އަދި ރަށުތެރޭގެ ހާލަތު މި ވަގުތު އޮތް ގޮތުން ބިރުވެރިކަން އޮތުމާ އެކު ރަށް އިތުރަށް ބެލެހެއްޓޭނެ ގޮތްތަކާއިމެދު ފުލުހުންނާ ވާހަކަ ދެކެވިފައިވާކަމަށް ސަބީހް ވިދާޅުވިއެވެ.
މިހާރު ވެސް އިތުރު ފުލުހުން ނެރެގެން މަނަދޫ ބެލެހެއްޓުމުގެ ކަންކަން ފުލުހުން ކުރިއަށްގެންދާ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް ސަބީހް ފާހަގަކުރެއްވިއެވެ.
ނައީމާގެ މަރާ ގުޅޭ މާ ބައިވަރު މައުލޫމާތުތަކެއް ހިއްސާނުކުރި ނަމަވެސް އެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އަދި އެކަމުގެ އިތުރު މައުލޫމާތު މި ވަގުތު ފުލުހުންނަށް ދެވެން ނެތްކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް ވެސް ސަބީހް ވިދާޅުވިއެވެ.
މަނަދޫގައި އަނިޔާވެރި ގޮތަކަށް ނައީމާ މަރާލާފައި އޮއްވާ ފެނިފައިވަނީ ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވުމުން އޭނާ ދިރިއުޅޭ ގެއަށް ގޮސް ބެލިބެލުމުންނެވެ.
ނައީމާ ދިރިއުޅޭ ކޮޓަރީގެ ދޮރު ނުހުޅުވައިގެން ގޯހެއް ވެއްޖެ ކަމަށް ބަލައި، އެކަން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރި އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.
ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ.
ނައީމާގެ މަރާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ.