10 Apr 2023, 15:16
ދުނިޔޭގެ އެންމެ މުއްސަނދި މީހުން ފަގީރުކަންމަތީގައި ދިރިއުޅޭ ނަމަ އެމީހުން ފެންނާނެ ގޮތް ދައްކުވައިދޭ ކުރެހުންތަކެއް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފެއްދި، ޑިޖިޓަލް އާޓިސްޓެއްގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.
އެ ކުރެހުންތައް އުފައްދާފައި ވަނީ އިންޑިއާގެ އާޓިސްޓެއް ކަމަށްވާ ގޯކުލް ޕިލައި، 'މިޑްޖާނީ' ކިޔާ އޭއައި ޕްރޮގްރާމެއް ބޭނުންކޮށްގެންނެވެ.
އެ ކުރެހުންތަކުން ދައްކުވައިދެނީ އިންޑިއާގެ ފަގީރުން ދިރިއުޅޭ 'ސްލަމް'ތަކުގައި މަޝްހޫރު ބިލިއަނަރުން ތިބޭ މަންޒަރެވެ.
ގޯކުލް އެ ކުރެހުންތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ، އެފަދަ ފަގީރު އަވަށެއްގައި ބޮޑުވި ކުއްޖަކު މިލިއަނަރަކަށްވާ ގޮތް ދައްކުވައިދިން ފިލްމެއް ކަމަށްވާ "ސްލަމްޑޯގް މިލިއަނާ"ގެ ނަމާ ގުޅުވައި އެ ކުރެހުންތަކަށް ނަން ދީފައެވެ.
އެ ކުރެހުންތަކުން ފެންނަ މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާގެ ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ، ޓެސްލާގެ ބާނީ އީލޯން މަސްކް، މެޓާ ކުންފުނީގެ ވެރިޔާ މާކް ޒަކަބާގް، އެމެރިކާގެ އިންވެސްޓަރު ވޮރެން ބަފެޓް އަދި އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް ހިމެނެއެވެ.
View this post on Instagram
އިންސްޓަގްރާމްގައި އެ ޕޯސްޓަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބި، 11،000އަށް ވުރެ ގިނަ 'ލައިކްސް' ވަނީ ލިބިފައެވެ. އެ ކުރެހުންތަކަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ އެ ކުރެހުންތައް ހީވަނީ އަސްލު ފޮޓޯތަކެއްހެން ކަމަށް ބުނެ، ތައުރީފުކޮށްފައެވެ.
ފޯބްސްގެ މުއްސަނދިންގެ ލިސްޓުގެ އެއް ވަނައިގައި މިހާރު އޮތީ ލަގްޒަރީ އުފެއްދުންތަކަށް މަޝްހޫރު އެލްވީއެމްއެޗް ބްރޭންޑުގެ ވެރިޔާ ބަނާޑް އާނޯ އާއި އޭނާގެ އާއިލާއެވެ. އެ ލިސްޓުގެ ދެވަނަ މަސްކް ހޯދާފައިވާއިރު ތިން ވަނައަށް އޮތީ ބޭޒޯސްގެ ނަމެވެ.
އޭގެ ތެރެއިން އާނޯ އާއިލާގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް އަރާ އިރު މަސްކް އާއި ބޭޒޯސްގެ މިލްކިއްޔާތު އުޅެނީ 100 ބިލިއަން ޑޮލަރުން މަތީގައެވެ.