ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސް ކަމަށް ހިޔަލީ މުހައްމަދު ރަޝީދާއި އަމީން އިބްރާހީމް ކުރިމަތިލައްވައިފި އެވެ.

މި ދެބޭފުޅުންނަކީ މި ހަފުތާގައި އަލަށް އެކުލަވާލި 15 މެމްބަރުންގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެއް ނޫނެވެ. ރައީސަކު ހޮވަން ވޯޓުލުން ބާއްވާނީ މާދަމާ ބާއްވާ އެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

މީގެ ތެރެއިން ހިޔަލީ އަކީ އެފްއޭއެމުގެ ނާއިބް ރައީސެވެ. ކްލަބް ވެލެންސިއާ ހިންގެވުމުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކްތަކުރެއްވި ހިޔަލީ އަކީ އައްޑު އަތޮޅު މެމްބަރުކަން ވެސް ކުރައްވާފައިވާ ކުޅިވަރުގެ ތަޖުރިބާކާރެކެވެ.

ކުޅިވަރާ މިނިސްޓްރީގެ ނާއިބުކަމާއި އެ މިނިސްޓްރީގެ ގިނަ މަގާމުތަކެއް ފުރުއްވި އަމީން އަކީ މިހާރު ވީޓިވީގެ ސީއީއޯ އެވެ. ކުޅިވަރުގެ ގައުމީ މަޖިލީހުގައި ވެސް ކުރިން ހިމެނިވަޑައިގެންނެވި އަމީން އަކީ ހިންގުމުގެ ތަޖުރިބާކާރެކެވެ.

ކުޅިވަރުގެ ގައުމީ މަޖިލީހަށް ރައީސަކު ހޮވަން ނިންމީ އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން މިހާރުގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ބޭނުންފުޅު ނުވުމުންނެވެ. އޭނާ ވިދާޅުވާގޮތުގައި ކުޅިވަރުގެ ގައުމީ މަޖިލިސް ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަނެއްގެ ގޮތުގައި ދެމިއޮންނާނީ އެސޯސިއޭޝަނެއްގެ ބޭފުޅަކު ނުވަތަ އެއްވެސް އެސޯސިއޭޝަނެއްގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެންނެވެ. މިހެންވެ މަޖިލީހުގެ ގަވާއިދަށް ވެސް ވަނީ ހުސްވި ހަފުތާގައި ބަދަލުގެނެސްފަ އެވެ.

ހިޔަލީ އާއި އަމީން ރައީސް ކަމަށް ކުރިމަތިލެއްވުމުން ނަން ހާމަކުރަން ނޭނދޭ އެސޯސިއޭޝަނެއްގެ އިސްބޭފުޅަކު މިއަދު ވިދާޅުވީ އެއްވެސް އެސޯސިއޭޝަނެއްގެ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވާނަމަ އިންސާފުވެރިކޮށް މަޖިލިސް ހިންގުމަށް ދަތިވާނެ ކަމަށާއި މިނިސްޓަރުގެ ނިންމެވުން ރަނގަޅު ކަމަށެވެ.

މަސްހަތު ހިފެހެއްޓުމަށްޓަކައި އެހެން ބޭފުޅަކު ވިދާޅުވީ ސަރުކާރުން ކުޅިވަރަށްދޭ ބަޖެޓް އިންސާފުވެރިކޮށް އެސޯސިއޭޝަންތަކުގެ މެދުގައި ބެހުމަށް ގައުމީ މަޖިލިސް މުހިންމު ދައުރެއް އަދާކުރަންޖެހޭ އިރު ކުޅިވަރުގެ ތަޖުރިބާކާރަކު ރިޔާސަތުގައި އިންނެވުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.