ފާއިތުވި ހަފުތާގައި ކޮވިޑު ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު އޭގެ ކުރީ ހަފުތާއަށްވުރެ އިތުރުވެ، ބަލީގައި އެނދުމަތި ކުރި މީހުންގެ އަދަދު ވެސް އިތުރު ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮވިޑު ކޭސްތައް އައީ މަދުވަމުންނެވެ. ނަމަވެސް މިހާރު ކޮވިޑު ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެޗްޕީއޭއިން ކޮންމެ ހަފުތާއަކު ނެރޭ ކޮވިޑު ކޭސްތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގައި ކޮވިޑުގެ 84 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން 73 ކޭސް އާއި އެހެން ސަރަހައްދުތަކުން 11 ކޭސްއެވެ. އޭގެ ކުރީ ހަފުތާގައި ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 39 ކޭސްއެވެ. މިއީ 45 ކޭސްގެ އިތުރުވުމެކެވެ. އެންމެ ފަހުން މިހާ ވަރަށް ކޭސްތައް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ.

އޭގެ ފަހުން ކޮންމެ ހަފުތާއެއްގައި ވެސް ކޮވިޑު ކޭސްތައް ދަށްވެ، އެ ކޭސްތަކުގެ އަދަދު އުޅެނީ 20އަށް ވުރެ ދަށުގައެވެ. އަދި މި އަހަރު ފެށުނު ފަހުން، މާޗު ފަހުކޮޅާ ހިސާބަށް ކޮންމެ ހަފުތާއަކުވެސް ކޭސްތަކުގެ އަދަދު އުޅެނީ 15އަށް ވުރެ ދަށުގައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑުގައި އެނދުމަތި ކުރި މީހުންގެ އަދަދު ވެސް މިދިޔަ ހަފުތާގައި ވަނީ އޭގެ ކުރީ ހަފުތާތަކާ އަޅައިބަލާއިރު އިތުރުވެފައެވެ. އެގޮތުން ކޮވިޑު ޖެހިގެން ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން މީހުން އެނދުމަތި ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ނިމި ނޮވެމްބަރު މަހުގެ ކުރީ ކޮޅުގައެވެ. އެއީ 25 މީހުންނެވެ. އޭގެ ފަހުން މި މިދިޔަ މަހުގެ މެދަކާ ހިސާބަށް މި ބަލީގައި އެނދުމަތިކުރާ އަދަދު އުޅެނީ 10 އިން ދަށުގައެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ކޮވިޑު ޖެހިގެން 17 މީހަކު އެނދުމަތިކޮށްފައިވާއިރު، އޭގެ ކުރީ ހަފުތާގައި 16 މީހަކު ވަނީ މި ބަލީގައި އެނދުމަތިކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހުން ފާއިތުވި ހަފުތާގައި މި ބަލީގައި އެނދުމަތި ކުރި މީހުންގެ އަދަދު ވަނީ އެވްރެޖު ގޮތެއްގައި އިތުރުވެފައެވެ.

ރާއްޖެއިން މިހާތަނަށް 185،894 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 311 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.