ޕެރިސް (10 އެޕްރީލް 2023): ޔޫރަޕުގެ ގައުމުތަކަކީ އެމެރިކާ ބުނާހާ ގޮތެއް ހަދާ ގޮތަށް އޮންނަ، އެމެރިކާއަށް ތަބާވާ ގައުމުތަކަކަށް ވެގެން ނުވާނެ ކަމަށް ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި މެކްރޯން ވިދާޅުވީ ޔޫރަޕަކީ އަމިއްލަވަންތަކަން ނެތް، އެމެރިކާއަށް ތަބާވާ ގައުމުތަކެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޮޑެތި ފިއްތުތަކެއް ކުރިމަތިވާ ކަމަށާ އެ ފިއްތުންތަކަށް ޔޫރަޕްގެ ގައުމުތައް ބޯލަނބައިގެން ނުވާނެ ކަމުގައެވެ.

މެކްރޯން ވިދާޅުވި ގޮތުގައި ޓައިވާނާއި ޗައިނާގެ މައްސަލައިގެ ތެރެއަށް އެމެރިކާ ވަނަސް އެކަމުގެ ތެރެއަށް ވަނުމަކީ ޔޫރަޕްގެ މަސްލަހަތެއް ނޫނެވެ. ނަމަވެސް ޓައިވާނާއި ޗައިނާގެ މައްސަލައިގެ ތެރެއަށް ވަނުމަށް ޔޫރަޕަށް ފިއްތުންތައް ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޔޫރަޕްގެ ބޮޑު ތިން ގައުމުން އެއް ގައުމު ކަމަށްވާ ފަރަންސޭސިވިލާތުގެ ރައީސް މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ އެމެރިކާއާއި ޔޫރަޕާ ދެމެދު އޮންނަނީ ދެ ފަރާތުގެ މަސްލަހަތަށް ރިއާޔަތް ކުރާ ދެ ފަރާތް ހަމަހަމަ ސިޔާސަތެއްގެ ބަދަލުގައި ޔޫރަޕަކީ އެމެރިކާ ބުނާހާ ގޮތެއް ހަދަންޖެހޭ އަދި އެމެރިކާއަށް ތަބާވާ ގައުމުތަކެއްކަން ހާމަވަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫރަޕްގެ މުސްތަގިއްލު ބައެއް މުފައްކިރުންވެސް ވަނީ އެމެރިކާ ބުނާހާ ގޮތެއް ހަދައި އަދި އެމެރިކާއަށް ތަބާވާ ގައުމުތަކެއްގެ ގޮތުގައި ޔޫރަޕް ގެ ސިޔާސަތުތައް ބައްޓަންކުރަމުން ގެންދާކަމަށް ވިދާޅުވެ އެކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.

ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު އެމެރިކާ ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވެފައި ވަނީ ހަމައެކަނި ޔޫރަޕްގެ ގައުމުތަކެވެ. އެމެރިކާގެ މި ފިޔަވަޅުތަކުގައި ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ބައިވެރިނުވެއެވެ.

އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ޔޫރަޕްގެ ގައުމުތައް ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އަދި ރަޝިއާއާ ހަނގުރާމަ ކުރުމަށްޓަކައި ޔުކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ވެސް ޔޫރަޕް ދަނީ އެމެރިކާއާ ބައިވަމުންނެވެ.

މިކަމުގެ ސަބަބުން ޔޫރަޕަށް ވަނީ ރަޝިއާގެ ބިޔަ މާކެޓް ގެއްލި އިގްތިސާދީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ރަޝިއާގެ ތެލާއި ގޭސް ޔޫރަޕަށް ލިބުން ދަތިވެ އެތަކެތި ތިންވަނަ ފަރާތެއް މެދުވެރިކޮށް އަގުބޮޑުކޮށް ގަންނަން ޖެހުމުން ޔޫރަޕްގެ އިގްތިސާދަށް ވަނީ ބޮޑު ހީނަރު ކަމެއް ކުރިމަތިވެފައެވެ.

މެކްރޯން ވިދާޅުވި ގޮތުގައި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަކީ އިގްތިސާދީ ކަންކަމުގައި އެމެރިކާގެ މަސްލަހަތާ ފުށުއަރާ މަސްލަހަތުތަކެއް އޮތް ގައުމުތަކެކެވެ. އެހެންކަމުން އެމެރިކާ ބުނާހާ ގޮތެއް ހެދުމަކީ ޔޫރަޕްގެ އަމިއްލަވަންތަކަން ގެއްލި ޔޫރަޕަށް ސްޓްރެޓީޖިކް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއްކަން މެކްރޯން ފާހަގަ ކުރެއްވިއެވެ.

ޓައިވާންގެ މައްސަލައަށް ބައްލަވާލައްވަމުން މެކްރޯން ވިދާޅުވީ އެމައްސަލައިގެ ތެރެއަށް ވަދެގެން ޗައިނާގެ ކުރިމަތީގައި އަމިއްލަ މަސްލަހަތު ގުރުބާން ކުރުމަކީ ޔޫރަޕަށް ބުއްދިވެރި ގޮތެއްނޫނެވެ. އެއަށް ވުރެ ޔޫރަޕަށް އިގުތިސާދީ ގޮތުން ޗައިނާ މާ މުހިއްމުކަން މެކްރޯން ފާހަގަ ކުރެއްވިއެވެ. އަދި މެކްރޯން ވަނީ އެމެރިކާ ޑޮލަރަށް ބަރޯސާ ނުވުމަށްވެސް ޔޫރަޕްގެ ގައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.

ޔޫރަޕަކީ އެމެރިކާ ބުނާހާ ގޮތެއް ހަދާގޮތަށް އޮންނަ ގައުމުތަކަކަށް ހެދުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތާ މެދު ޔޫރަޕްގައި ހިތްހަމަނުޖެހުން އޮތް ކަމަށް ވިޔަސް މިއީ ޔޫރަޕްގެ ބޮޑު ތިން ބާރުގެ ތެރެއިން އެއްބާރުގެ ރައީސަކު މިހާ ފާޅުކަންބޮޑު ގޮތެއްގައި އެމެރިކާގެ ޔޫރަޕާބެހޭ ސިޔާސަތަށް ފާޑު ވިދާޅުވި ފުރަތަމަ ފަހަރެވެ.

ދެވަނަ ބޮޑު ހަނގުރާމައިގާ އެމެރިކާއިން ޔޫރަޕްގެ ހުޅަނގު ފަޅީގެ ބޮޑުބައި ހިފިއެވެ. އެއަށް ފަހު އަސްކަރީ ޖަމާއަތެއްގެ ގޮތުގައި ނޭޓޯ އުފައްދައި އެމެރިކާ ވަނީ އަސްކަރީ ގޮތުން ޔޫރަޕްގައި ވަރަށް ބޮޑަށް ފައިހަރުކޮށްލާފައެވެ. މިހާރު ވެސް އެމެރިކާގެ 20 އަށް ވުރެ ގިނަ އަސްކަރީ ބޭސް ޔޫރަޕްގެ ގައުމުތަކުގައި އޮވެއެވެ.