ނިދުމަށް ފަހު ހުވަފެން ފެނުމަކީ ކޮންމެ މީހަކު ވެސް ތަޖުރިބާ ކުރާ ކަމެކެވެ. އެކަމަކު ފެންނަ ހުވަފެނަކީ އެއަށް އެއްވެސް ކަހަލަ ކޮންޓްރޯލެއް އޮތް ކަމެއް ނޫނެވެ. ގިނަ ފަހަރަށް ފެންނަ ހުވަފެން ތަކަކީ އެއްވެސް ކަމެއް ނޭނގޭ ހުވަފެން ތަކެކެވެ. ނަމަވެސް ބައެއް ފަހަރު އެއް ހުވަފެނެއް އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ފެންނަ ގޮތް ވެއެވެ.

ކަމާ ގުޅުންހުރި މާހިރުން ބުނާގޮތުގައި އެއް ހުވަފެނެއް ގިނަ ފަހަރަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަމައެއާ އެއްގޮތަށް، ފެނިފައިވާ ހުވަފެނާ ގާތްގަނޑަކަށް އެއް ގޮތް ކަންތައްތައް ދައްކުވައިދޭ ހުވަފެންތައް ފެނުމަކީ ވެސް ބައެއް ފަހަރު ވުން އެކަށީގެންވާ ކަމެއް ކަމަށް ކަމާ ގުޅޭ މާހިރުން ބުނެއެވެ.

"މިއީ އާންމުންނަށް އާންމުކޮށް ދިމާވާ ކަމެއް ކަމަށް ބެލެވިފައެއް ނެތް. އެހެންވީމާ އަސްލު ބުނާ ކަށް ނޭނގޭ ކިހާ މީހުންނަށް ކަމެއް މިހެން ވަނީ،" ކެލިފޯނިއާގެ ސްލީޕް މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އެލެކްސް ޑިމީޓްރިއޫ ފާހަގަކުރިއެވެ.

އޭނާ ފާހަގަކުރާ ގޮތުގައި ހުވަފެންތަކަކީ އާންމުކޮށް މީހާއަށް ކުރެވޭ ތަޖުރިބާ ތަކުގެ ތެރެއިން ރަނގަޅަށް ޕްރޮސެސް ނުކުރެވި ހުންނަ ކަންތައްތައް ދައްކުވައިދޭ ގޮތެކެވެ. އެ ސަބަބާ ހުރެ ގިނަ ފަހަރަށް ހުވަފެން ތަކަކީ ބިރުވެރި ނުވަތަ އެންމެ ބަލަން ބޭނުން ނުވާ ކަންތައްތައް ދައްކުވައިދޭ ގޮތެކެވެ. މިއީ ސިކުނޑި އެ މައުލޫމާތުތައް ތަރުތީބު ކުރުމަށް ކުރާ ކަމެކެވެ.

ބައެއް ސައިންޓިސްޓުން ބުނާގޮތުގައި އަބަދު އެއް ހުވަފެނެއް ފެނުމަކީ އޭގެ ފަހަތުގައި ފުން މާނައެއް އޮތް ކަމެއް ނޫނެވެ.

ގިނަ ފަހަރަށް އެއް ހުވަފެނެއް ފެންނަނީ، ބޮލުގައި އުފެދިފައި ވާ މައްސަލައެއް ހައްލުވެފައި ނުވާތީ އެ ކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. ހައްލު ނުވެ އޮތް މައްސަލައެއްގެ މަތިން މާ ގިނައިން ވިސްނޭ ނަމަ އެ މައްސަލަ އާ ގުޅޭ އިހުސާސްތައް ކުރުވައިދޭ ހުވަފެނެއް އަބަދު ފެނިދާނެއެވެ.

ކަމަކާ ބިރެއް އޮތް ނަމަ އެ މައްސަލަ ހައްލުވަންދެއް ސިކުނޑިއަށް ނަގައި ގަނެވޭ ގޮތަކަށް އެ ބިރަކާ ގުޅޭ އިިހުސާސެއް ކުރުވައިދޭނެ ގޮތަކަށް ހުވަފެންތައް ފެނިދާނެއެވެ. މިއީ އެއް ހުވަފެނަކަށް ނުވި ނަމަވެސް އެއްގޮތް ހުވަފެންތަކަކަށް ވެދާނެއެވެ.