ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު އާދިއްތަ ދުވަހުގެ ރޭ ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މި އަހަރުގެ ފުރަތަމަ ފިޔަވަހީގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހުގެ ރޭ 11:59 އަށް ހަމަވާނެއެވެ. ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމުގެ އިތުރުން ގުޅޭ ލިޔެކިޔުންތައް ހުޅަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ.

އީމެއިލް ފޮނުވާނީ[email protected]އަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެރޭ ހަމަވަނީ -- ފޮޓޯ/ ބީއެމްއެލް

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

މި ފިޔަވަހީގައި ޖުމްލަ 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެވެބްސައިޓުންލިބޭނެއެވެ.