ސިނަމާލެ ބްރިޖުން މާލެ އަރާ ހިސާބުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އެކަކު އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދޭން ފަށައިފިއެވެ.

ރޭ 11:30 ހާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖް މާލޭ ލައިޓްއަށް މަޑުކޮށްގެން އިން ސައިކަލެއްގައި، ފަހަތުން އައި ސައިކަލަކުން ޖެހިއެވެ.

ފުލުހުން ރޭ ބުނީ އެކްސިޑެންޓް ގައި ތިން ފިރިހެނުންނަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 47 އަހަރާއި 31 އަހަރާއި 43 އަހަރުގެ މީހެކެވެ.

ތިން މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާ ވެފައިވަނީ 43 އަހަރުގެ މީހާއަށެވެ. އެކްސިޑެންޓްވި ސަރަހައްދަށް އައިޖީއެމްއެޗްގެ އެމްބިއުލާންސް ގޮސްފައި ވަނީ 11:50 ހާއިރުއެވެ. އޭރު ވެސް އެ މީހާގެ މާ ބޮޑު ހަރަކާތެއް ނެތެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެކްސިޑެންޓްގައި އަނިޔާވެގެން ގެނައި 43 އަހަރުގެ މީހާ މިހާރު ވަނީ އައިސީޔޫއަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ރޭގެ އެކްސިޑެންޓްގައި އަނިޔާ ލިބުނު އަނެއް ދެ މީހުން ގެންގޮސްފައިވަނީ ބުރިޖާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ސެނެހިޔާ ހޮސްޕިޓަލަށެވެ. އެ ދެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި ފަހުން މާލެ ސަރަޙައްދުގައި ގިނަ އެކްސިޑެންޓްތައް ދަނީ ހިނގަމުންނެވެ. މި ރޯދަ މަސް ފެށުނު ފަހުން ވެސް ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވާއިރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވަނީ މީހަކު މަރު ވެފައެވެ.