10 Apr 2023, 12:25
ތެހެރާން (10 އެޕްރީލް 2023): މެދުއިރުމައްޗަށް ނިއުކްލިޔާ ސަބްމެރިން ފޮނުވުމަށް ނިންމުމަކީ އެސަރަހައްދަށް އަންނަމުންދާ ބަދަލުތައް ހަޖަމު ނުކުރެވިގެންނާއި އަދި ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެގެންދާކަމުގެ އިހްސާސް ކުރެވޭތީ އެމެރިކާ އެޅި ފިޔަވަޅެއް ކަމަށް އީރާނުން ސިފަކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެގެންދާކަމުގެ އިހުސާސް ވަރަށް ހިތްދަތިގޮތެއްގައި އެމެރިކާއިން ކުރަންޖެހިފައިވާއިރު މެދުއިރުމައްޗަށް އަންނަމުންދާ އަވަސް ބަދަލުތަކަކީ އެމެރިކާއަށް ވަރަށް ހިތްދަތި ބަދަލުތަކެކެވެ. އެމެރިކާ އެދޭގޮތާ މުޅިން ޚިލާފަށް އަދި އެމެރިކާގެ އަމިއްލަ މަސްލަހަތަށް ގެއްލުންވާނެ ބަދަލުތަކެކެވެ.
މިބަދަލުތަކާ ކުރިމަތިލުމަށް އެމެރިކާއަށް ކުރެވެންއޮތްހާވެސް ކަމަކީ ސަރަހައްދަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން "މާޒީ ގެ ފޮނިދުވަސްތައް ހަނދާން ކުރުން" ކަމަށް އީރާނުގެ ބަޔާނުގައިވެއެވެ.
އެމެރިކާއިން މެދުއިރުމައްޗަށް ނިއުކްލިޔާ ސަބްމެރިން ފޮނުވަނީ އެސަރަހައްދުގައި އީރާން ހިންގަފާނެ އަސްކަރީ ހަމަލާތަކާ އަދި ގަޑުބަޑުތަކުން ސަރަހައްދު "ދިފާއު" ކުރުމަށް ކަމަށް ބުނެފައެވެ. އީރާނުން ހިންގާނެކަމަށް އެމެރިކާއިން ސިފަކުރާ އަސްކަރީ ހަމަލާތަކާއި ގަޑުބަޑުތަކަކީ ގަވައިދާ ޚިލާފަށް ސޫރިޔާގައި ފައިހަރުކޮށްގެން ތިބޭ އެމެރިކާ ސިފައިންނަށް ސޫރިޔާގެ އެތެރެއިން ދޭ ހަމަލާތަކާ އަދި ސޫރިޔާގައިވާ އީރާނުގެ މަސްލަހަތުތަކާ ދެކޮޅަށް އިސްރާއީލުން ދޭ ހަމަލާތަކަށް އީރާނުން ދީފާނެ ރައްދުކަމަށް އީރާނުގެ ރަސްމީ މިޑިއާ ބުނެއެވެ.

މެދުއިރުމައްޗަށް އެމެރިކާ ފޮނުވާ ނިއުކްލިޔާ ސަބްމެރިން
މެދުއިރުމަތީގެ ހުރިހާ ކަމެއްވެސް މިހާރު ކުރިޔަށްދަނީ އެމެރިކާ އެދޭގޮތަކަށް ނޫނެވެ. އީރާނާއި ސައުދީ ގާތްވުމާއި ސައުދީން އީރާނުގައި އިންވެސްޓް ކުރުމަށް ނިންމުމާ އަދި ސަރަހައްދުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތައް ނުވެއްދުމަށް ސައުދީއާއި އީރާން އެއްބަސްވި އެއްބަސްވުމަކީ އެމެރިކާގެ މަސްލަހަތުތަކާ މުޅިން ފުށުއަރާ ކަންކަމެވެ.
އީރާނާއި ސައުދީގެ މި އަންޑަސްޓޭންޑިންގެ ސަބަބުން ސައުދީއާއި ގަލްފަށް އާދަޔާ ޚިލާފަށް ގިނައިން ހަތިޔާރު ވިއްކައިގެން ޒަމާނުއްސުރެ ނަގަމުންގެންދިޔަ ބޮޑު ފައިދާ ނެގުން ވަރަށް ބޮޑަށް ހުއްޓުމަކަށް އަންނާނެކަން އެމެރިކާ ދަނެއެވެ.
ޗައިނާ ސައުދީ އަށް ވިސްނައިދިނީ އެމެރިކާ އަތުން ހަތިޔާރު ގަނެގެން އީރާނާ ކުރިމަތިލައިގެން ސަރަހައްދުގެ އެއްވެސް މައްސަލައެއް ހައްލު ނުކުރެވޭނެކަމެވެ. އަދި ސައުދީއަށާއި އީރާނަށްވެސް އެންމެ ރަނގަނޅު ގޮތަކީ ޚިޔާލުތަފާތުވާ ކަންކަން ހުރިނަމަވެސް ދެގައުމު އަންޑަސްޓޭންޑިން އަކަށް އައިސް ސުލްހައިގެ މަގު ޚިޔާރުކޮށް ތަރައްގީ އަށް މަސައްކަތް ކުރުންކަމެވެ. މިކަންކަން ވިސްނައިދީ ސައުދީއާއި އީރާން ސުލްހަ ކުރުވީ ޗައިނާއެވެ.
އެމެރިކާ ނުރުހުންވާ އަނެއް ކަމަކީ ސައުދީ ޗައިނާއާ އިގްތިސާދީގޮތުން މާބޮޑަށް ގާތްވުމެވެ. ތެޔޮވެސް ހިމެނޭގޮތަށް ސައުދީ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޮޑުބައެއް އެމެރިކާ ޑޮލަރުގެ ބަދަލުގައި އެދެގައުމުގެ ފައިސާއިން ކުރާގޮތަށް އެއްބަސްވުމެވެ.
ރިޕޯޓްތައް ބުނާގޮތުން ސައުދީ ތެލުގެ ބޮޑު ޝިޕްމަންޓެއް މިހާރުވަނީ ޗައިނާގެ ފައިސާއިން އަގު ދައްކާގޮތަށް ފައިސާގެ މުއާމަލާތްތައް ނިންމާފައެވެ. ތެލުގެ ވިޔަފާރި ޑޮލަރުން ނުކުރާނަމަ އެމެރިކާ ޑޮލަރަށް ބައިނަލްއަގްވާމީ ވިޔަފާރީގައި މިހާރު ލިބިފައިވާ ބާރު ގެއްލޭކަށް މާގިނަ ދުވަސްތަކެއް ނުނަގާނެއެވެ. މިއީވެސް އެމެރިކާ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެކެވެ.
އެމެރިކާ ކަންބޮޑުވާ އަނެއްކަމަކީ މެދުއިރުމަތީގެ މައިގަނޑު މައްސަލައަކީ ފަލަސްތީނު މައްސަލަ ނޫންކަމާ މައްސަލައަކީ އީރާނުން ސަރަހައްދަށް ބާރާއި ނުފޫޒު ހިންގާ މައްސަލަކަމަށް ހަދައިގެން އިސްރާއީލާއި ސައުދީ ގާތްކުރެވޭނެ ގޮތެއް ހެދުމެވެ. ސައުދީއާއި އިސްރާއީލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކޮށްގެން އިސްރާއީލުގެ މަސްލަހަތު އެކަނި ހިމާޔަތް ކުރުމެވެ. އަދި އިސްރާއީލާއި ސައުދީއާއި އަރަބި އެހެން ބައެއް ގައުމުތައް ހިމަނައިގެން އީރާނާދެކޮޅަށް ނޭޓޯފަދަ އަސްކަރީ ޖަމާއަތެއް އުފެއްދުމެވެ.
ޗައިނާ ޑިޕްލޮމެޓިކް ގޮތުން ސަރަހައްދަށް ވަދެ އީރާނާއި ސައުދީ ސުލްހަ ކުރުވައި އިގްތިސާދީގޮތުން ލާމެހުމުގެ މުހިއްމުކަން އެދެގައުމަށް ވިސްނައި ދިނުމުން އެމެރިކާގެ މިލަނޑުދަނޑިވެސް މިހާރުވަނީ ބިލާހަކަށް ވެގެން ގޮސްފައެވެ.
އެމެރިކާ ކަންބޮޑުވާ އަނެއްކަމަކީ އީރާނުން ރަޝިއާއަށް ދޭ ހަތިޔާރުގެ ބަދަލުގައި އެސްޔޫ -35 މަރުކާގެ ފައިޓާޖެޓް ފަދަ ރަޝިއާގެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ އީރާނަށް ލިބިގެން ދިޔުމެވެ. އަނެއްކޮޅުން ޗައިނާއާއި ރަޝިއާ އާ އަދި ސައުދީ އާ އީރާން ގާތްވުމުގެ ސަބަބުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އީރާނަށް ކުޑަވެގެން ދިޔުމަކީވެސް އެމެރިކާ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.
މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ނިއުކްލިޔާ މައްސަލާގައި ކުރިޔަށް ވުރެވެސް ބޮޑަށް އެމެރިކާއަށް ދޫނުދިނުމުގެ ސިޔާސަތެއް އީރާނުން ގެންގުޅޭނެކަން އެމެރިކާއަށް ވަރަށް ރަނގަނޅަށް އެނގެއެވެ.
އަނެއްކޮޅުން ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ސައުދީއާއި އަރަބި އެހެން ގައުމުތައް ބައިވެރި ނުވުމަކީވެސް އެމެރިކާގެ ބޮލުގެ ރިހުމެކެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ބުނިގޮތުގައި އެމެރިކާގެ ކަނޑުގެ ބާރުތަކުގައި ހިމެނޭ އެންމެ ވަރުގަދަ ހަތަރު ސަބްމެރިންގެ ތެރެއިން އެއް ސަބްމެރިން ކަމަށްވާ "ޔޫއެސްއެސް ފްލޮރިޑާ" ސްވޭސް ކެނެލް ހުރަސްކޮށް މެދުއިރުމައްޗަށް ދިޔުމުގެ ދަތުރު މިދިޔަ ހަފްތާގައިވަނީ ފަށާފައެވެ.
މިކަމުގެ ބޭނުމަކީ އީރާން ހިންގަފާނެ އަސްކަރީ ހަރަކާތްތަކަކުން އެސަރަހައްދު "ދިފާއު" ކުރުމާއެކު އެމެރިކާގެ އަސްކަރީ ބާރު ދައްކާލުމެވެ. އަދި ޑިޕްލޮމެޓިކް ގޮތުން ޗައިނާ މެދުއިރުމައްޗަށް ވަންނަމަވެސް މެދުއިރުމަތީގެ އަސްކަރީ ބާރު އަދިވެސް އޮތީ އެމެރިކާގެ އަތުގައިކަން ހާމަކުރުންކަމަށް އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ ބުލޫމްބާގް ބުނެއެވެ.