22 Apr 2012, 14:49
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން އައްޑޫ ސިޓީގެ ބައެއް ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖެހި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ނަމަވެސް އެ ދެ މީހުންގެ ނަމެއް ވަނަވަރެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފެބްރުއަރީ މަހު އަށް ވަނަ ދުވަހުގެ އައްޑޫ ސިޓީގައި ހިންގި ހަމަނުޖެހުންތަކުގެ ތުހުމަތުގައި ފުލުހުން އިތުރު ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހު ކަމަށެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ފުލުހުންގެ އިދާރާތަކާއި ކޯޓްތަކުގައި ބަޔަކު ވަނީ ހުޅުޖަހައި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. އެހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ބައެއް މީހުން ހައްޔަރުކޮށްފައިވާ އިރު އޭގެތެރެ އިން ބައެއް މީހުންގެ މައްސަލަ ތަހުގީގު މަރުހަލާ ނިންމުމަށް ފަހު ވަނީ ޕީޖީއަށް ހުށަހަޅައިފަ އެވެ.
ފުލުހުންގެ އިދާރާތަކާއި ކޯޓްތަކުގައި ހުޅުޖަހައި ތަންތަނަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ފުލުހުން ގެންދަނީ އެކަމުގައި ޝާމިލްވާ މީހުން ހޯދުމަށް އެ ހަމަނުޖެހުންތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯތަކުގެ ފޮރެންސިކް އެނަލިސްއެއް ހަދަމުންނެވެ.