އަލް މަޝްއަރް ޙައްޖު އެންޑް ޢުމްރާ ގްރޫޕުން މި ރަމަޟާން މަހު ޢުމްރާއަށް ގެންދިޔަ ބައެއް މީހުންނާ މެދު އިހުމާލުވެފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތައް އެ ގުރޫޕުން ދޮގު ކޮށްފިއެވެ.

މަޝްއަރް ޙައްޖު ޖަމާއަތުގެ ހަވާލުގައި މިހާރު ޢުމްރާއަށް ގޮސް އުޅޭ މީހުންގެ ތެރެއިން ބަޔަކަށް އިހްމާލުވިކަމަށް ބުނެ އެ މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވަނީ، ޢުމްރާއަށް ދިޔަ އައްޑޫ ފޭދޫއަށް ނިސްބަތްވާ އާއިލާއެކެވެ. އެ އާއިލާގެ ތިން މީހަކު އަލް މަޝްއަރްގެ ހަވާލުގައި ޢުމްރާއަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެމަފިރިއަކާއި އެ މީހުންގެ ބޮޑުދައިތައެކެވެ.

އެ މީހުންގެ ބައެއް ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ މައްކާއަށް ގޮސް ތިބި ހޮޓާ ހަރަމާއި ދުރުވުމާއި، އެކަމަޑޭޝަންގެ ބައެއް ކަންކަމުގެ އިތުރުން ދާއިމީ ބައްޔަކަށް ބޭސް ބޭނުންކުރާ މީހަކަށް އަޅާލުމުގައި ފަރުވާ ކުޑަވުމެވެ.

އައްޑޫ ފޭދޫއަށް ނިސްބަތްވާ އެ އާއިލާގެ ޝަކުވާތަކާއި ގުޅޭގޮތުން 'ސަން'އާ ވާހަކަދައްކަވަމުން އަލް މަޝްއަރް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަލީ ފާރިޝް ވަނީ އެ އާއިލާއިން ކުރަމުންގެންދާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.

ފާރިޝް ވިދާޅުވީ، އެ ގްރޫޕްގެ ހަވާލުގައި މި ފަހަރު ޢުމްރާއަށް ވަޑައިގެންނެވި ބޭފުޅުންނަށް ދަތުރާއި ގުޅޭގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ދުރާލައި މައުލޫމާތުތައް ދެމުން ގެންގޮސްފައިވާނޭ ކަމަށެވެ. މިގޮތުން ތިބޭ ހޮޓަލާއި، ދަތުރުފަތުރުގެ ކަންކަން ރޭވިފައިވާގޮތާއި އެނޫން ވެސް ޢުމްރާވެރިންނަށް ބޭނުންވާނެ ގިނަ މައުލޫމާތުތައް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މީޑިއާގައި ޝާއިއުކޮށްފައިހުރި މުޅިއެކުން ތެދު ވާހަކަތަކެއް ނޫން. މިސާލަކަށް ހޮޓާ ހަމަޖެއްސި އިރު ގްރޫޕްގެ އެންމެނަށް ވެސް އެނގޭނެ. ދެން ބަޔަކު އުޅުނު ހިތްހަމަ ނުޖެހިގެން. މި ގްރޫޕްގެ ހަވާލުގައި އެބައުޅޭ 200އަށް ވުރެ ގިނަ މީހުން. އޭގެ ތެރެއިން 95 އިންސައްތަ މީހުން ހިތްހަމަ ޖެހުނީމައި ހޮޓާ ހަމަޖެއްސީ ވެސް" އޭނާ ވިދާޅުވިއެވެ.

އައްޑޫއަށް ނިސްބަތްވާ އެ އާއިލާގެ ޝަކުވާތަކާ ގުޅޭގޮތުން ފާރިޝް ވިދާޅުވީ، ދާއިމީ ބައްޔަށް ބޭސް ބޭނުންކުރާ މީހަކު ހުރިކަން އެނގުނީ ވެސް ޢުމްރާއަށް އައި ފަހުން ކަމަށާއި، މިފަދަ މައުލޫމާތުތަކަކީ ކުރިން އެނގެންޖެހޭ ކަންކަން ކަމަށާއި، އޭރުން އިންތިޒާމުތައް ބެލެހެއްޓުމުގައި ފަސޭހަ ވެގެންދާނޭ ކަމަށެވެ.

"ތިބޭފުޅުން މިތާގައި ތިބި މީހުންނަށް ގުޅާ މައުލޫމާތު އައްސަވާ. ޢުމްރާވެރިންގެ އިންތިޒާމްތަކާ ގުޅޭގޮތުން. އެ މީހުން ފިޔަވައި އިތުރު ބައެއްގެ ކަންބޮޑުވުން ހުރިކަމެއް އެނގިފައެއް ނެތް. ދެން ކަންބޮޑުވުމެއް އޮތްނަމަ އަޅުގަނޑުމެންނާ ގުޅިގެން ހުރި މައްސަލަތައް ހައްލުކުރަން ދެއްތޯ މަސައްކަތްކުރަން ވާނީ." އޭނާ ވިދާޅުވިއެވެ.

މަޝްއަރް ގްރޫޕްގެ ޢުމްރާވެރިން ބޭނުންކުރާ ހޮޓަލުގެ ކޮޓަރިއެއް. މި ތަނުގައި އިސްތިރިކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެ ގްރޫޕުން ބުނޭ---

އޭނާ ވިދާޅުވީ ޢުމްރާއަށް ދިއުމުގެ ޕެކޭޖުގައި 30 ދުވަސް ހަމަޖެހިފައިވީ ނަމަވެސް އެ ޖަމާއަތުން ހަ ދުވަސް އިތުރުކޮށްދީފައި ވާނެ ކަމަށާއި، އެކަމަށް އިތުރަށް ފައިސާ ނަގާފައިނުވާނޭ ކަމަށެވެ. ޢުމްރާއަށް ފުރުމާއި ވިސާގެ ކަންކަމާއި، އެކަމަޑޭޝަންގެ އެއްވެސް މައްސަލައެއް އެ ޖަމާއަތުގެ އިހުމާލަކުން ދިމާވެފައެއް ނޯންނާނޭ ކަމަށެވެ. މިގޮތުން ޢުމްރާވެރިން ތިބި ހޮޓަލަކީ ވެސް ފެންވަރުގެ ގޮތުން ރަނގަޅު ހޮޓަލެއް ކަމަށެވެ. ފުރަން އޮތް ފްލައިޓް ބަދަލުވި ނަމަވެސް އެކަން ވެސް އޮންނާނީ ކުރިއަލާ އަންގާފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދެން އަނެއްކާ މި ފަހަރުގެ ރަމަޟާންމަހު ޢުމްރާވުމަށް ގިނަ ބަޔަކު މައްކާއަށް އަރައި އެބަ ފައިބަމުންދޭ. ޙައްޖަށް މީހުން އަންނަ ވަރަށްވުރެ ގިނައިން މި ފަހަރު ޢުމްރާވުމަށް މީހުން އެބަ އާދޭ. އެހެންކަމުން އިންތިޒާމުތައް ހަމަޖެއްސުމުގައި ވެސް އެބަހުރި ކޮންމެ ވެސް ވަރެއްގެ ކަންތައްތަކެއް. ހުރި ކަންތައްތަކާ އެކު ވެސް އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ ހަވާލުގައި އައިސްތިބި ޢުމްރާވެރިން ހިތްހަމަ ޖެހޭގޮތަށް ކަންކަން ގެންދަން." ފާރިޝް ވިދާޅުވިއެވެ.

ކޮވިޑަށްފަހު ސައުދީން ވަނީ މި ފަހަރުގެ ރަމަޟާންމަހާއި ދިމާކޮށް މުސްލިމު ޤައުމުތަކަށް އެއްވެސް ޤައުމެއް އިސްތިސްނާ ނުވާނޭހެން ޢުމްރާވުމުގެ ފުރުސަތު ދީފައެވެ. އެހެންކަމުން މި ފަހަރުގެ ރަމަޟާންމަހު ޢުމްރާވުމަށް ރެކޯޑް އަދަދަކަށް މުސްލިމުން މައްކާއަށް އެތެރެވަމުންދާ ކަމަށް ސައުދީގެ ނޫސްތަކުން ބުނެއެވެ.