އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުންއަރައި ލިވަޕޫލުން އާސެނަލް މޮޅުވިޔަ ނުދީ ހިފެހެއްޓުމާއެކު ލީގު ހޯދުމަށް ސިޓީއަށް އިތުރު އުންމީދެއް ލިބިއްޖެއެވެ.

ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގެ އަށް ވަނަ މިނެޓުގައި އާސެނަލް ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ހެދި ގޯހެއްގެ ފައިދާނަގައި މިވަގުތު ފޯމްގައި ހުރި އާސެނަލްގެ ފޯވާޑް ގަބްރިއެލް މާޓިނެލީ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހި މާޓިނެލީ ހުރަސްކޮށްލި ބޯޅައަކުން އެ ގޯލު ކާމިޔާބުކުރީ ގަބްރިއެލް ޖީސުސްއެވެ.

ނަމަވެސް ލިވަޕޫލުން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި މެޗުގެ ލީޑު ހަނިކޮށްފައެވެ. އެ ގޯލަކީ އާސެނަލް އޭރިއާ ތެރޭގައި ހުސްކޮށްހުރެ ލިވަޕޫލްގެ މުހައްމަދު ސަލާހު ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލާއި އާާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން ---

މެޗުގެ ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ލިވަޕޫލަށް ވަނީ އިތުރު ގޯލެއް ޖަހާނެ ރަނުގެ ފުރުސަތެއްް ލިބި ބޭކާރުވެފައެވެ. ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް އާސެނަލްގެ ރޮބް ހޯލްޑިން ކުރި ފައުލަކަށް ދިން ޕެނަލްޓީ ސަލާހު ފޮނިވައިލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ނަމަވެސް މެޗު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ނެގި ހުރަހަކުން ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އެ މެޗު އެއްވަރުވި ނަމަވެސް އާސެނަލް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗު ކުޅެ 73 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި ސިޓީ އޮތީ އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެ 67 ޕޮއިންޓު ހޯދައިގެންނެވެ. ލިވަޕޫލް ތާވަލުގެ އަށް ވަނައިގައި އޮތީ 29 މެޗު ކުޅެ 44 ޕޮއިންޓު ހޯދައިގެންނެވެ.