ޔޫކްރެއިންގެ ރައީސް ވްލަޑްމީރު ޒެލެންސްކީ ފުރަތަމަ ފަހަރަށް އެ ގައުމުގައި ރަސްމީކޮށް ރޯދަވީއްލުމެއް ބާއްވައިފިއެވެ.

ރޯދަވީއްލުން ބާއްވާފައި ވަނީ ވެރިރަށް ކީވްގައި ހުންނަ މިސްކިތެއްގައެވެ.

މި ރޯދަވީއްލުމުގައި ޔޫކްރެއިންގެ މުސްލިމް ސިފައިންނާއި އާންމުންގެ ގިނަ މިހުންނާއި ކްރައިމިޔާގައި ދިރިއުޅޭ ޓަޓާރް ދަރިކޮޅަށް ނިސްބަތްވާ މުސްލިމުން ވަނީ ބައިވެރިވެފައެވެ.

މި ރޯދަވީއްލުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ކްރައިމިޔާގައި ދިރިއުޅޭ ޓަޓާރް ދަރިކޮޅުގެ މުސްލިމުން ރަޝިޔާ މީހުންގެ ދަށުގައި ދިރިއުޅެން ޖެހިފައިވުމުން އެކަމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ޔޫކްރޭންގެ ހުރިހާ ބިމެއްގައި މިނިވަންކަމާއި ސަލާމަތަށްޓަކައި ހަނގުރާމަކުރާ މީހުން އެ ގައުމުން އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ކޮންމެ ރޯދަމަހެއްގައި އެ ގައުމުގައެ މުސްލިމުންނަށް ސަރުކާރުގެ ފަރާތުން ރޯދަ ވިއްލުމެއް ބާއްވާނެ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ކްރައިމިއާގެ ޓަޓާރު ރައްޔިތުންގެ ލީޑަރު ވިދާޅުވީ ކްރައިމިއާ ހިމެނޭ ގޮތަށް ޔޫކްރޭންގެ ސަރަހައްދުގެ އެންމެ ސަރަޙައްދެއްވެސް މިނިވަން ނުކޮށް ހަނގުރާމަ ނުނިންމާނެ ކަމަށެވެ.

"އަދި ހެޔޮކަމާއި އިންސާފުގެ މަތީ މުސްލިމުން ހަރަކާތްތެރިވާ ވަރަކަށް ދުނިޔޭގައި އިސްލާމްދީނުގެ ބާރު ބޮޑުވާނެ،" ކްރައިމިއާގެ ޓަޓާރު ރައްޔިތުންގެ ލީޑަރު ވިދާޅުވިއެވެ.

ރޯދަވީއްލުމުގެ ކުރިން ޒެލެންސްކީ ވަނީ އެ ޤައުމުގެ އަސްކަރިއްޔާގައި މަސައްކަތް ކުރާ ބައެއް މުސްލިމް ސިފައިންނަށް އެވޯޑްވެސް ދެއްވާފައެވެ.