10 Apr 2023, 11:34
ފިލްމު "ޕިޔާރް މޭ ކަބީ ކަބީ"އިން 1999ވަނަ އަހަރު ފިލުމީ ދުނިޔެއަށް ތަޢާރަފުވި އެކްޓަރު ޑީނޯ މޯރިއާގެ ކެރިއަރުގައި ކުޅެވުނު ބައެއް ފިލްމުތަކުގެ ސަބަބުން އެކްޓަރުގެ ކެރިއަރު ނާކާމިޔާބުވި ކަމަށް އިންޑިއާގެ ނޫހެއް ކަމަށް އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުގައި އޭނާ ބުނެފިއެވެ.
އޭރު ފިލްމަތަކަށް ސޮއިކުރާއިރު ސްކްރިޕްޓަށް މާ ބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ކެރިއަރަށް އޭގެ ނުރަނގަޅު އަސަރު ކުރި ކަމަށާއި އެއީ، ހެދުނު ވަރަށް ބޮޑު ގޯހެއްކަން މިހާރު އިހުސާސު ކުރެވޭ ކަމަށް ޑީނޯ ވަނި ބުނެފައެވެ.
ޑީނޯ ކުޅުނު ރީތި ފިލްމުތަކުގެ ތެރޭގައި، 2002ވަނަ އަހަރު ރިލީޒްވި ފިލްމު "ރާޒް"، "ގުނާހް" އަދި "ބާޒް: އަ ބާރޑް އިން ޑޭންޖާ" ހިމެނެއެވެ. ފިލްމު "ރާޒް"އަށް ފަހު ޑިނޯއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެން ދިޔަ ނަމަވެސް ފިލްމުގެ ބަތަލާ ބިޕާޝާ ބާސޫއާ އެކު ލޯބީގެ ގުޅުމެއް އުފެދުމުން ގިނަބަޔަކު އޭރު ސަމާލުކަންދީފައި ވަނީ އެ ގުޅުމަށް ކަމަށް އެކްޓަރު ގަބޫލުކުރެއެވެ.
އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަމަށް މީޑިއާގެ ސަމާލުކަން ލިބެން ފެށުމުން ފަހުން ބޮޑަށް އެކްޓިން ކުރީ ހަމައެކަނި ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް 47 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ. އޭރު ފިލްމު ސްކްރިޕްޓްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނު ސަބަބަކީ ވެސް އެއީ ކަމަށް ޑިނޯ ވަނީ ބުނެފައެވެ. އޭރު ފިލްމުތަކުގެ ސްކްރިޕްޓްތައް ހޮވުމުގެ މާ ބޮޑު ތަޖުރިބާއެއް ވެސް އެކްޓަރަށް ލިބިފައިނުވާ ކަމަށާއި އެ ކަމުގެ ސަބަބުން ރަނގަޅު ގިނަ ފިލްމުތަކުން ފުރުސަތު ގެއްލުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ބަތަލާ ބިޕާޝާ ބަސޫއާ އެކު އޮތް ލޯބީގެ ގުޅުމަށް ނިމުމެއް ގެނައުމަށް ފަހު ވެސް ދެ ތަރިން ވަނީ އެކީގައި ބައެއް ފިލްމުތައް ކުޅެފައެވެ. އެ ފިލްމުތަކުން ވެސް ބެލުންތެރިން ހޯދަން ބޭނުންވީ ދެ ތަރިން ވަކިވި ސަބަބު ކަމަށާއި ދެ މީހުންގެ ރަޙްމަތްތެރިކަން ގުޅުން ދެ މީހުންގެ ދެމެދުގައި އޮންނަން ޖެހުނީ ކީއްވެގެން ކަމަށް ޑީނޯ ބުނެފައިވެއެވެ.
ފަހަކަށް އައިސް ޑީނޯ ބޮޑަށް ފެނިފައިވަނީ ތަފާތު އެކި ސްޓްރީމިންގް ޕްލެޓްފޯމްތަކުގެ ވެބް ސީރީސްއިންނެވެ. އޭގެތެރޭގައި 2020ވަނަ އަހަރު ޒީ5އިން ގެނެސްދިން "މެންޓަލް ހުޑް" އަދި ޑިޒްނީ ހޮޓް ސްޓާއިން ގެނެސްދިން ވެބް ސީރީސް "ދަ އެމްޕަޔަ" ހިމެނެއެވެ.