ސިއްހީ ދާއިރާއަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތުން އެސްޓީއޯއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދުއެވެ.

މި އެއްބަސްވުމުގެ ދަށުން ގެނެވޭ 20 އެމްބިއުލާންސް، 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރާއްޖެ ގެނެވި، މިނިސްޓްރީއާ ހަވާލު ކުރަންޖެހޭނެއެވެ.

ސިއްހީ ދާއިރާއަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތް އާއިއެކު އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އެސްޓީއޯ

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ އެސްޓީއޯއަކީ އަބަދުވެސް ސިއްހީ ދާއިރާއަށް އެހީވަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އެސްޓިއޯ އިން މިދިޔަ އަހަރު ވެސް ވަނީ ހެލްތު މިނިސްޓްރީގެ އެދުމަކަށް، ސިއްހީ ދާއިރާއަށް ބޭނުންވާ 96 އެމްބިއުލާންސް ފޯރުކޮށްދީފައެވެ. އެސްޓީއޯއިން މި އެމްބިއުލާންސްތައް ރާއްޖެ ގެނެސް ރަށްރަށަށް ފޮނުވާފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.