ބަތަލާ ތައްބޫއާއި އެކްޓަރު އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލުމު "އޯރޯމޭން ކަހާ ދަމްތާ"އަށް އަރަމުން އަންނަ ދެ ފިލްމީ ތަރިން ކަމަށްވާ ޝާންތަނޫއާއި ސައި މަންޖްރެކަރު ސޮއިކޮށްފިއެވެ.

މިއީ ފިލްމު "އައްޔާރީ"ގެ ޑައިރެކްޓަރު ނީރަޖް ޕާންޑޭގެ ފިލްމެކެވެ. އަލަށް ފިލްމާ ގުޅުނު ޝާންތަނޫއަކީ މިދިޔަ އަހަރު ރިލީޒްވި އާލިއާ ބަޓްގެ ފިލްމު "ގަންގޫ ބާއީ"ގެ ހާއްސަ ރޯލަކުން ފެނުނު އެކްޓަރެކެވެ. ނެށުމުގެ ދާއިރާއިން ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޒުވާން އެކްޓަރަކީ ޗެނަލްވީއިން ދެއްކި "ދިލް ދޯސްތީ ޑާންސް" ޝޯވްއިން އެކްޓިންގް ދާއިރާއަށް ތަޢާރަފްވި އެކްޓަރެކެވެ. ޝާންތަނޫއާ އެކު ފިލްމާ ގުޅުނު ބަތަލާ ސައީ މަންޖްރެކަރަކީ ހިންދީ ފިލްމުގެ އިތުރުން މަރާޓީ އަދި ތެލުގޫ ފިލްމުތަކުން ފެނިފައިވާ މޫނެކެވެ. ސައީ ބޮލީވުޑަށް ތަޢާރަފްވީ 2019ވަނަ އަހަރު ފިލްމު "ދަބަންގް"އިންނެވެ.

ނީރަޖް ޕާންޑޭގެ މި ފިލްމަކީ، މީގެ 20 އަހަރު ކުރީގެ ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާ ކޮށްގެން ގެނެސްދޭ މިއުޒިކަލް ލަވް ސްޓޯރީއެކެވެ. މި ފިލްމުގެ ފުރަތަމަ ޝެޑިއުލް މި އަހަރުގެ ފެބްރުއަރީ މަހު ފެށިފައިވާއިރު ތައްބޫއާއި އަޖޭ ފިލްމު ސެޓާ ގުޅެން ނިންމާފައިވަނީ މި އޭޕްރީލް މަހުއެވެ. އެކްޓަރު ޖިމީ ޝޭރްގިލްވެސް މުހިއްމު ރޯލުން ފެންނަ މި ފިލްމުގެ ދެވަނަ ޝެޑިއުލް އިންޑިއާގެ ފިލްމު ސިޓީގައި ޝޫޓްކުރުމަށް ވަނީ ނިންމައިފައެވެ.

ލޯބީގެ ރީތި ވާހަކަތަކެއް ކިޔައިދޭ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދެނީ އިންޑިއާއަށް ފުރަތަމަ ފަހަރަށް އޮސްކާ އެވޯޑް ހޯދައިދިން ފިލްމު "އާރްއާރްއާރް"ގެ މިއުޒިކް ތައްޔާރުކުރި އެމްއެމް ކީރާވަނީއެވެ. އަޖޭއާއި ތައްބޫގެ ފިލްމުތައް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނައިރު ދެ ތަރިން އެކީގައި ކުޅުނު ފިލްމު "ބޯލާ"ވަނީ މިދިޔަ މަހުގެ 30ގައި ރިލީޒްކުރެވިފައެވެ. މި ފިލްމު މިހާތަނަށް އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.