މިއަހަރުގެ ކުރީކޮޅު ހުޅުމާލޭ 12 ނަންބަރު ފްލެޓް ކައިރީ ތޫނު ހަތިޔާރެއް ހިފައިގެން އުޅުނު ކުއްޖަކު ހަތަރު މަހަށް ޖަލަށް ލާން ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އުމުރުން 17 އަހަރުގައި، މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ 10:00 ގައި ހުޅުމާލޭ 12 ނަންބަރު ފްލެޓް ކައިރީ އެ ކުއްޖާ ހުއްޓާ އެ ސަރަހައްދުގައި ޓިއުޓީގައި ތިބި ފުލުހުން ގޮސް އެ ކުއްޖާގެ ހަށިގަނޑު ބަލާ ފާސްކުރި އިރު އޭނާގެ ޖިންސާއި އުނަގަނޑާއި ދޭތެރެއަށް ތޫނުއެއްޗެއް ލާފަ ހުއްޓާ ފެނިފައިވާކަން އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މަގުބޫލު އުޒުރެއްނެތި އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ބިރުދެއްކުމާ ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނޫގެ ތިން ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން އެނާ ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ފުލުހުން އެ ކުއްޖާ ހައްޔަރު ކުރިއިރު އުމުރަކީ 17 އަހަރު ކަމަށް ވިޔަސް މިހާރު އޭނާއަށް ވަނީ 18 އަހަރު ފުރިފަ އެވެ.