09 Apr 2023, 21:56
ސަންޓްރެވަލްސް އާއި ހިލްޓަންއާ ދެމެދު ހިނގަމުންދާ ގާނޫނީ މައްސަލައާ ގުޅުވާ އޮންލައިން ނޫސް "ދައުރު"ގައި ލިޔެފައިވާ ރިޕޯޓުގައިވާ ވާހަކަތައް ދޮގުކޮށް ސަންޓްރެވަލްސް ކުންފުނިން މިއަދު ބަޔާނެއް ނެރެފިއެވެ.
ސަންޓްރެވަލްސްގެ ބަޔާނުގައި ވަނީ ދައުރު ނޫހުގައި "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގައިި އެ ކުންފުނީގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު އާއި އެ ކުންފުންޏަށް ކޮށްފައިވާ ސީރިއަސް ތުހުމަތުތައް ދޮގުކޮށްފައެވެ.
އެގޮތުން އެ ޚަބަރު ލިޔުނު ނޫސްވެރިޔާއަށް ނުވަތަ ނޫހަށް އަދި އެއްވެސް ފަރާތަކަށް ސިޔާމް ނުވަތަ އެ ކުންފުނީގެ ފަރާތުން އިންޒާރެއް ދީފައި ނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިންޒާރު ދިން ވާހަކަތައް ދޮގުކުރުމުގެ އިތުރުން، ސަން ޓްރެވަލްސްއިން ވަނީ އެ ރިޕޯޓުގައި ކަން ހިނގާފައިވާ ގޮތުގައި ސައްޙަ މައުލޫމާތު ގެނެސްދިނުމުގެ ބަދަލުގައި މަސައްކަތް ކޮށްފައިވަނީ ސަން ގުރޫޕުގެ ކުންފުނިތަކާއި އަހްމަދު ސިޔާމްގެ ނަމަށް ހުތުރުކޮށް ގެއްލުން ދިނުމަށް ކަމަށް ބުނެފައެވެ. އަދި މުޅި އާޓިކަލް އެއް އަތަކަށް ބަރުވެފައި އޮތް އިރު، އެ ކުންފުނީގެ ވިޔަފާރި ހައްގެއް ނެތް މޭރުމުން ރިޕޯޓުކޮށްފައިވާ މައްސަލަ ވެސް ސަންޓްރެވަލްސްއިން ފާހަގަކުރިއެވެ.
ސަންޓްރެވަލްސްއިން ތުހުމަތުކުރި ގޮތުގައި ނޫސްވެރިޔާގެ އެ ލިޔުމަކީ ވަކި ބަޔަކު އަޑީގައި ތިބެ ސްޕޮންސާ ކޮށްގެން ލިޔެފައިވާ ލިޔުމެކެވެ. ހަމައެހެންމެ މިއީ ޝަރުއީ ކޯޓެއްގެ ނިންމުމަކާ ގުޅޭ ކަމަކަށްވީއިރު، ދައުރު ނޫހުގައި ތަކުރާރުކޮށް ޝަރުޢީ ކޯޓްގެ ނިންމުމާއި ސަން ކުންފުންޏާއި އަހްމަދު ސިޔާމުގެ ސިޔާސީ މަސައްކަތާއި އަދި ނުފޫޒު ހިމެނޭކަމެއް ކަމަށް ބުނެފައިވުމަކީ ޝަރުޢީ ނިޒާމްގެ އިތުބާރު ގެއްލުވާލާ، ކޯޓުތަކުގެ ހުރުމަތް ކެނޑޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
އޭގެ އިތުރުން އެ ކުންފުނިން ފާހަގަކުރި އަނެއް ކަމަކީ މި މައްސަލައިގައި ހިމެނޭ ރިސޯޓަކީ ހިލަޓަންގެ އިންވެސްޓްމަންޓެއް ދޭހަވާ މައުލޫމާތު އެ ރިޕޯޓުގައި ބަޔާންކޮށްފައިވުމެވެ. ސަންޓްރެވަލްސްއިން ބުނި ގޮތުގައި އެ ކުންފުންޏާ ހިލްޓަންއާ ދެމެދު ވެވުނީ މެނޭޖްމަންޓް އެގްރީމަންޓެކެވެ. އަދި އެ ރިސޯޓަކީ ސައްތައިންސައްތަ ސަން ޓްރެވަލްސްއިން އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ ރިސޯޓެއް ކަން ބަޔާނުގައި ފާހަގަކުރިއެވެ.
މި ރިޕޯޓާ ގުޅިގެން ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ބުނަމުން ސަންޓްރެވަލްސްއިން ވަނީ އެ ކުންފުންޏާއި އަހްމަދު ސިޔާމުގެ ފަރާތުން ނޫސްވެރިޔާގެ ލިޔުމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ބުނެފައެވެ.
ސަން ޓްރެވަލްސްއިން ނެރުނު ބަޔާން
ދިވެހިރާއްޖޭގެ ނޫހެއް ކަމަށްވާ "ދައުރު" ނޫހުގައި "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމާ ގުޅިގެން ސަންޓްރެވަލްސް އެންޑް ޓުއާސްގެ ފަރާތުން ނުވަތަ ސަން ކުންފުނީގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު އެ ނޫސްވެރިޔާއަށް ގުޅާ އިންޒާރު ދިން ކަމަށް ބުނެ ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅިގެން ހަގީގަތާ ޚިލާފަށް ލިޔުއްވާފައިވާ ލިޔުމާ ގުޅިގެން ދަންނަވަމެވެ.
1. ސަންޓްރެވަލްސްގެ ފަރާތުން ނުވަތަ އަޙްމަދު ސިޔާމްގެ ފަރާތުން ދައުރު ނޫހުގައި އެ ވިދާޅުވާފަދަ އިންޒާރެއް އެލިޔުން ލިޔުނު ލިޔުންތެރިޔާއަށް ނުވަތަ ނޫހަށް އަދި އެއްވެސް ފަރާތަކަށް ދީފައިނުވާނެއެވެ. ސަން ގްރޫޕުގެ ފަރާތުން އަދި އަޙްމަދު ސިޔާމް ގަބޫލުކުރާގޮތުގައި މިނިވަން ނޫސްވެރިކަމަކީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާ އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. މިހައްގުގެ ބޭނުންކުރުމުގައި ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ޙުދޫދުގެ ތެރެއިން މިނިވަން ދިމިގްރާތީ މުޖްތަމައުތަކުގައި އެފަދަ ޙައްގުދީފައިވާ މިންވަރަށާއި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާގޮތެއްގެ މަތިން ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ގަބޫލުކޮށް ޚުދު ނޫސްވެރިކަމާއި ޚަބަރާއި މައުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ކުރިއެރުވުމަށް އަޙްމަދު ސިޔާމަކީ ބުރަ މަސައްކަތްކުރައްވާ ބޭފުޅެކެވެ.
2. މިމަހުގެ ހަވަނަ ދުވަހު ދައުރު ނޫހުގައި ލިޔެފައިވާ ލިޔުމުގައި ނޫސްވެރިޔާ މުޅި އާޓިކަލް ލިޔެ ނިންމިއިރު ތިލަފަތް ހަމަކޮށް ނުވަތަ ކަންހިނގާފައިވާގޮތުގެ ސައްޙަ މައުލޫމާތު ގެނެސްދިނުމުގެ ބަދަލުގައި މަސައްކަތް ކޮށްފައިވަނީ ސަން ގުރޫޕުގެ ކުންފުނިތަކާއި އަހްމަދު ސިޔާމްގެ ނަމަށް ހުތުރުކޮށް ގެއްލުންދިނުމަށެވެ. އަދި، ގާނޫނީގޮތުން ބަލާއިރު ގާނޫނު ނަންބަރު 10/96 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏަކީ އަމިއްލަ ނަމުގައި މުއާމަލާތު ކުރުމާއި ދައުވާކުރުމާއި ދައުވާލިބިގަތުމުގައި ވަކި ޝަޚުސެއް ކަމަށް ވާއިރުވެސް އަޙްމަދު ސިޔާމްގެ ނަން ގެނެސް މިއީ އަހްމަދު ސިޔާމާ އެކު ހިނގާފައިވާ މުއާމަލާތެއްކަމަށް ދަލީލުކުރުމަށެވެ. ދައުރުގެ ލިޔުމުގައި ވަރަށް މައުލޫމާތު ލިބިފައިވާކަމަށް ދޭހަވާގޮތަށް ޓައިމްލައިނެއް ލިޔެ ދައްކާފައިވާއިރު، މި ލިޔުމުގައި ލިޔުންތެރިޔާ ހިލްޓަންގެ ފަރާތުން ވަކާލާތުކޮށް ފާޅުކަންބޮޑުކޮށް ތައައްސަބާއި، ނަފުރަތާއި، ޙަގީގަތެއްނެތް އެތަކެއް އިޙްތިމާލުތަކެއް ގެނައުމުގެ އިތުރުން ލިޔުމުގައި، ފާޅުކަންބޮޑުކޮށް ސަންގެ އެމްޑީ އަހްމަދު ސިޔާމުގެ ސިޔާސީ ވިސްނުމާއި ފިކުރަށް މިލިޔުމުގައި ހަމަލާދީފައިވެއެވެ. އަދި މިލިޔުމުގައި ތަކުރާރުކޮށް ސިޔާމުގެ ސިޔާސީ ވިސްނުމާއި މަސައްކަތަށް ޙަމަލާދީފައިވާއިރު، ލިޔުންތެރިޔާގެ ރުޅިގަނޑު ބާލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން 2 އޭޕްރީލްގައި ނެރެފައިވާ ވަގުތީ އަމުރާ ގުޅޭގޮތުންނެވެ. މިގޮތުން ނޫސްވެރިޔާ ލިޔުއްވަނީ "މި މައްސަލަ މިހާ ދިގުލައިގެން ދިޔުމުން ޔަގީންވާ އެއްކަމެއް އެބައޮތެވެ. ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އިންވެސްޓްކޮށްފައިވާ ދުނިޔޭގެ ބޮޑުވިޔަފާރިއަކަށް މި ރާއްޖޭގައި އިންސާފު ނުލިބިގެން މި އުޅެނީ އެ މައްސަލައިގައި ވަށައިގެންވާ ބާރުގަދަ ސިޔާސީ ނުފޫޒުތަކާ ހުރެއެވެ." މިހެން ބަޔާންކޮށްފައިވުމުން ދޭހަވަނީ ދުނިޔޭގެ ބޮޑު ވިޔަފާރި ކުންފުންޏަކަށްވުމީ އެ ކުންފުނިން ކުރާ ދައުވާއެއް ނިސްބަތްވާ ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި، ނުވަތަ އެނޫންވެސް ވިޔަފާރިތަކުގެ ޙައްގުތަކަކީ އާދައިގެ ޙައްގެއްކަމަށެވެ. ނުވަތަ އެހެން ވިޔަފާރިތަކަށް ލިބެންޖެހޭ ހައްގެއް އޮވެގެންނުވާނެ ކަމަށެވެ.
3. އަދި މީގެ އިތުރުން މިއީ ނޫސްވެރިޔާގެ ފާޅުކަން ބޮޑު ތަޢައްސަބެއް ސަން ކުންފުންޏާއި އަދި އަހްމަދު ސިޔާމާއި ދެމެދު އޮތްކަމެއްކަން ދަލީލުކޮށްދޭ ކަމެކެވެ. މީގެ އިތުރުންވެސް މި ލިޔުމުން ސިޔާސީ ނުފޫޒުގެ ވިސްނުން އެސްޓަބްލިޝްކުރުމުގެ ގޮތުން ނަން ނުޖަހާ ވަކީލުންތަކެއް ބުނިކަމަށް ބުނެ (އެއްފަރާތަކަށް އޮއްސިފައިވާ) ވަންސައިޑެޑް ރައުޔުތަކެއް ލިޔެފައިވާއިރު، މިއީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި ސަން ކުންފުންޏާއި އަހްމަދު ސިޔާމުގެ އަބުރަށާއި ކުންފުނީގެ ވިޔަފާރިއަށް ގެއްލުން ދިނުމުގެ ގޮތުން ވަކިބަޔަކު އަޑީގައިތިބެ ސްޕޮންސާކޮށްގެން ލިޔެފައިވާ ލިޔުމެއްކަން އެނގެއެވެ. ޝަރުއީ ކޯޓަކުން ނިންމާ ނިންމުންތަކާއި އެ ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވަނީ ކޯޓްތަކަށްކަން ގާނޫނު ނަންބަރު 2010/10 ގެ 2 ވަނަ މާއްދާއާއި އަދި 3 ވަނަ މާއްދާގައި ޞަރީޙަކޮށްފައިވާއިރު، ކޯޓްތަކުން ނިންމާ ނިންމުންތަކާއިމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފުކުރުމުގެ އަސާސް ހިމެނިފައިވާގޮތް މި ގާނޫނުގެ 16 އަދި 12 ވަނަ މާއްދާ ހިމެނޭގޮތަށް ބަޔާންކޮށްފައިވާއިރު، ދައުރު ނޫހުގައި ތަކުރާރުކޮށް ޝަރުޢީ ކޯޓްގެ ނިންމުމާއި ސަން ކުންފުންޏާއި އަހްމަދު ސިޔާމުގެ ސިޔާސީ މަސައްކަތާއި އަދި ނުފޫޒު ހިމެނޭކަމެއް ކަމަށް ބުނެފައިވުމަކީ ޝަރުޢީ ނިޒާމްގެ އިތުބާރު ގެއްލުވާލާ، ކޯޓުތަކުގެ ހުރުމަތް ކެނޑޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށާއި އަދި އެއީ ގާނޫނު އަސާސީގެ ނޫސްވެރިކަމުގެ އެތިކަލް މިންގަނޑު އެއްކިބާކޮށް ކަނޑައެޅިގެން އަހްމަދު ސިޔާމުގެ ފިކުރާގުޅުވައި ނަފްރަތާއި، ރުޅިވެރިކަން އާންމުންގެ ތެރޭގައި އުފެއްދުމުގެ ގޮތުން ލިޔެފައިވާ މިނިވަން ދިމުގުރާތީ މުޖްތަމައުގައި ނޫސްވެރިން ހިފަހައްޓާ މިންގަނޑާއި ކަނޑައެޅިގެން ފުށުއަރާގޮތަށް ލިޔެފައިވާ ލިޔުމެއްކަން ތިރީގައި މިޙަވާލާދޭ International Federation of Journalists ގެ ފަރާތުން ޝާއިޢުކޮށްފައިވާ Global Charter of Ethics for Journalists ނުވަ ވަނަ މާއްދާއިން ކަނޑައަޅާފައިވާ މިންގަނޑަށް ބެލުމުންވެސް އެނގެއެވެ. އެމާއްދާގައިވަނީ:
Journalists shall ensure that the dissemination of information or opinion does not contribute to hatred or prejudice and shall do their utmost to avoid facilitating the spread of discrimination on grounds such as geograhical, social or ethnic origin, race, gender, sexual orientation, language, religion, disability, political and other opinions.
އެހެންކަމުން މިއީ ނޫސްވެރިކަމުގެ ތާކިހަލުގެ ނިވަލުގައި ވިޔަފާރި ކުންފުންޏެއްކަމަށްވާ ސަން ޓްރެވަލްސްއަށާއި އަދި އެކުންފުނިގެ އެމްޑީއަށް ގެއްލުން ދިނުމުގެ މަގްސަދުގައިބަޔަކު އަޑީގައިތިބެ ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބޭނުންކޮށްފައިވާ ނަން ހާމަނުކުރާ ވަކީލުންގެ ވާހަކަތަކާއި ހިލްޓަންގެ ފަރާތުން ކޯޓުގައި ވަކާލާތުކުރާ ވަކީލުންގެ ވާހަކަތަކާ ވަރަށް އެއްގޮތެވެ. އަދި މިއީ މަތީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގައި serious professional misconduct ގެތެރޭގައި slander, libel, defamation, unfounded accusations, distortion of facts ދައުރު ނޫހުގައި ހަވާލާދީފައިވާ ލިޔުމުން ފާޅުވާންއޮތީ ނަފްރަތު އުފެއްދުމާއި އަބުރުކަތިލުމާއި، ހަގީގަތް އޮޅުވާލުމުގެ މަސައްކަތެވެ. މިގޮތުން ލިޔުންތެރިޔާ ސީދާ ކުންފުންޏާއި ސިޔާމުގެ ކެރެކްޓާ އެސެސިނޭޓް ކުރުމުގެ ގޮތުން ލިޔަމުން ބުނެފައިވަނީ '...ސަންޓްރެވަލްސްގެ ވެރިޔާގެ ނުފޫޒާއި ބާރުގައި ބޮޑު އިންވެސްޓަރަކު ރާއްޖޭގައި ގޮތްހުސްވެފައިވާކަމެވެ.'
4. މިގޮތަށް ލިޔުންތެރިޔާ ބަޔާންކުރިއިރު އަސާސީ މައުލޫމާތުވެސް އޮޅުވާލާފައިވާ މިންވަރެވެ. ސަންއާއި ހިލްޓަންއާއި ދެމެދުވެފައިވަނީ Management Agreement އެކެވެ. އެއީ ހަމައެކަނި ސަންއިން އިންވެސްޓްކޮށް ނިންމާފައިވާތަނެއް ހިލްޓަންއިން މެނޭޖްކުރާ ވާހަކައެވެ. ހިލްޓަންއިން އިންވެސްޓްކުރި އެންމެ ސެންޓެއްވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ޕްރޮޕަޓީއަކަށް ޚަރަދުކޮށްފައި ނުވާހިނދު، ދިވެހިރާއްޖޭގައި ގާނޫނު ނަންބަރު 10/2013 އާބިޓްރޭޝަންގެ ގާނޫނުގެ 74 ވަނަ މާއްދާގައި އޮޅުވާލައިގެން މަކަރާއި ހީލަތުންވާ އެއްބަސްވުންތަކާމެދު ނިންމާ އާބިޓްރޭޝަންގެ ނިންމުންތައް ދިވެހި ދައުލަތުގެ އާންމު ސިޔާސަތާ ޚިލާފުވާނަމަ ބެލުމުގެ ބާރު ދީފައިވެއެވެ. އެއީ އާބިޓްރޭޝަން އެވޯޑް ތަންފީޒުކުރުމާ ގުޅޭގޮތުން ނިޔުޔޯކް ކޮންވެންޝަންގެ 5 ވަނަ މާއްދާއިން ގައުމުތަކަށް ދީ އަދި ތަފާތު ގައުމުތަކުން އާބިޓްރޭޝަންގެ ނިންމުންތައް އެގްރައުންޑުން ބިނާކޮށް ބާތިލްކުރަމުންދާ ގާނޫނީ އަސާސެއް ކަމަށްވީއިރު، އާބިޓްރޭޝަންގެ ނިންމުންތައް އެގްރައުންޑަށް ބިނާކޮށް ބާތިލްކުރަމުންދާ ގާނޫނީ އަސާސެއްކަމަށްވީއިރު ނޫސްވެރިޔާގެ މުޅި ލިޔުމުގައި ހިލްޓަންގެ ފަރާތުން ބޮޑުބިޔަ އިންވެސްޓެއްކުރިކަމަށް ބަޔާންކޮށްފައިވާއިރު އެއީ މުތްލަގުކޮށް އޮޅުވާލައިގެން ލިޔެފައިވާ ދޮގުވާހަކައެކެވެ.
5. ސަންގެ ފަރާތުން ހުށަހަޅާފައިވަނީ ގާނޫނީ ބަޙުސެއްއޮތް އެކަމުގައިއޮތްވާހަކައެކެވެ. އެއީ ނޫސްވެރިޔެއްގެ ހިތަށްފެންނަގޮތަށް ލިޔާލިއުމެއްގެތެރެއިން ސަންކުންފުންޏާއި ކުންފުނީގެ އެމްޑީގެ މައްޗަށް ޙުކުމެއް ނެރޭވަރަށްވުރެ ޓެކްނިކަލް ގާނޫނީވާހަކަތައް ހިމެނޭ ލީގަލް ޑިސްޕިއުޓެއްއޮތްކަމެއްކަމަށްވާއިރު، ލިއުންތެރިއާގެ ލިއުމުގައި ސަންގެ ބަހެއްނުވަތަ ސަންގެ ވަކީލުންގެ ބަހެއް ހޯދުމެއްނެތި، ކަނޑައެޅިގެން ކަންހިނގާފައިވާގޮތް އޮޅުވާލާއި ހިލްޓަންގެ ފަރާތުން ބޮޑުއިންވެސްޓްމަންޓެއްކޮށްފައިވާކަމަށް ބަޔާންކޮށްފައިވުމީ މިއީ ސަން ކުންފުންޏާއި އެކުންފުނީގެ އެމްޑީ އަހްމަދު ސިޔާމްގެ ސިޔާސީވިސްނުމާ ގުޅުވައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެއްކަމަށެވެ.
6. މިލިޔުމުގެ ސަބަބުން ކުންފުނީގެ މައްޗަށް އޮތް އިތުބާރާއި، ވިޔަފާރިއަށާއި، އަދި ކުންފުނީގެ އެމްޑީ އަހަމްދު ސިޔާމުގެ ސިޔާސީ ވިސްނުމާ ގުޅުވައިގެން ޖުޑިޝަރީގެ މިނިވަންކަން ގެއްލޭގޮތަށް ލިޔުންތެރިޔާވަނީ ކަލްކިއުލޭޓެޑް ތިއޮރީ އެއްއުފައްދާފައި ފޫނުބެއްދޭ ގެއްލުން ކުންފުންޏަށްދީފައެވެ. އެހެންކަމުން މިބަޔާނަކީ ކަމުގެ ހަގީގަތް ހާމަކޮށް މިފަދަ malicious އަދި ކަލްކިއުލޭޓެޑް ލިޔުންތަކުގެ ތެރެއިން ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ދައުރު ނޫހުގައި ލިއެފައިވާ ލިޔުމުގެ ސަބަބުން މިކުންފުންޏަށާއި އަހްމަދު ސިޔާމަށް ލިބިފައިވާ ގެއްލުން ސަމާލުކަމަށް ގެނައުމާއެކު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސަމާލުކަމަށް މިފަދަ ލިޔުންތަރިންގެ އަމަލުތައް ގެނައުމުގެ ގޮތުން ނެރޭބަޔާނެކެވެ. ސަންކުންފުންޏާއި އަހްމަދު ސިޔާމުގެ ފަރާތުން ނޫސްވެރިޔާގެ ލިޔުމާގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމާމެދު ދިރާސާކުރަމުންދާއިރު، ލިއުންތެރިޔާގެ ޒިންމާދާރުކަން ކުޑަ މިލިޔުމާމެދު ކުންފުނިން ހިތާމަކުރާވާހަކަ ދަންނަވަމެވެ. އަދި މިނިވަން ނޫސްވެރިކަމުގެ އިންތަކުގެ ތެރޭގައި ފަރުދުންގެ ޢަބުރަށް ހުތުރުނުވާގޮތަށް އިންސާފުވެރިކަމާއެކު ނޫހުގައި ޚަބަރާއި ރިޕޯރޓު ޝާއިޢުކުރުމަށް ނޫސްވެރިޔާއަށް ނަސޭޙަތްތެރިވާކަމުގައި ދަންނަވަމެވެ.