ނ.މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލި ނައީމާގެ މަރަށްފަހު އެރަށުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް އެ ރަށުގެ ކައުންސިލުން މިއަދު އާއްމުކޮށްއިއުލާނުކޮށްފިއެވެ.

މަނަދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގެ އެކިތަންތަނުގައި ސެކިއުރެޓީ ކެމެރާ ހަރުކުރަން ބޭނުންވާތީވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

އިއުލާނުގެ އުސްއަލިތައް:

  • ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުން: އޭޕްރިލްމަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

  • މައުލޫމާތުދިނުން: އޭޕްރިލްމަހުގެ 18 ވަނަ ދުވަހުގެ 13:15 ގައި މަނަދޫ ކައުންސިލް އިދާރާގައި.
  • ބިޑް ހުށަހެޅުން: އޭޕްރިލްމަހުގެ 27 ވަނަ ދުވަހުގެ 13:15 ގައި މަނަދޫ ކައުންސިލްގެ އިދާރާގައި.

ސީސީޓީވީ ކެމެރާ ލުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.

މަނަދޫ ކައުންސިލުން ކުއްލި ގޮތަކަށް އެރަށުގެ އެކި ތަންތަނުގައި ސެކިއުރެޓީ ކެމެރާ ލުމަށް ނިންމާފައިވަނީ، މިދިޔަ ހުކުރުދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައިމާ މޫސާގެ މަރަށް ފަހުއެވެ.

ނައީމާގެ މަރަށްފަހު އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.