މިހާރު މިއުޒިކް އިންޑަސްޓްރީގައި ހުރި އެންމެ ވަރުގަދަ އެއް ފަންނާނު ކަމަށްވާ ޓޭލާ ސްވިފްޓް އޭނާގެ ބައިވެރިޔާ ޖޯ އެލްވީންއާ ވަކި ވެއްޖެއެވެ.

ޓޭލާ އާއި ޖޯ ދާދި ފަހުން ވަކިވި ކަމަށް ބުނެ ކަށަވަރު ކޮށްދީފައިވަނީ ދެ މީހުންނާ ގާތް މަސްދަރަކުންނެވެ. ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ދެ މީހުން ރުޅިވި އިރު ދެ މީހުން އެކީގައި ނުފެންނަތާ މިހާރު ދުވަސްވަތަކެއް ވެއްޖެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ދެ މީހުން ވަކިވި ވާހަކަ އާންމުވެފައިވަނީ ދެ މީހުންގެ ކައިވެނީގެ ވާހަކަތަކެއް ވެސް ދެކެވެމުން ދަނިކޮށެވެ.

ޓޭލާ މި ވަގުތު އުޅެނީ އޭނާގެ "އިރާސް" ޓުއާގައި އެމެރިކާގެ އެކި ސަރަހައްދުތަކުގައި ޝޯ ދިނުމުގައެވެ. ހައުސް ފުލް ޝޯތައް ދެމުން ދިޔައިރު އެއިން އެއްވެސް ޝޯއަކުން ޖޯ ފެނިފައި ނުވާ ކަމަށް އެމެރިކާގެ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ. އަދި, ދެމީހުން ރުޅި ވެފައިވަނީ ޓުއާގެ މެދު ތެރެއިން ކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ.

ޓޭލާގެ ގުޅުންތަކުގެ ވާހަކަތަކަކީ އާންމުކޮށް ވަރަށް ފާޅުގައި މީޑިއާތަކުގައި ދައްކާ ވާހަކަތަކެކެވެ. ނަމަވެސް އެންމެ ފަހުން މިފަހަރު ދެމީހުންގެ ގުޅުމަށްފަހު ޓޭލާ ބޭނުންވީ ދެ މީހުންގެ ގުޅުމުގެ ވާހަކަތައް ވީހާ ވެސް ބޮޑަށް ޕްރައިވެޓްކޮށް ބޭއްވުމަށެވެ. އެއާ އެކު ދެ މީހުން އެކީގައި މާ ގިނައިން ބޭރުން ވެސް ނުފެނެއެވެ. ޓޭލާ ބޭނުންވީ މީޑިއާގެ ފާޑު ކިޔުންތަކާ ދުރުގައި ހުރުމަށެވެ.

ޓޭލާ އާއި ޖޯ ދިމާވެފައިވަނީ 2016ވަނަ އަހަރުގައި އެކުވެރިއެއްގެ ފަރާތުންނެވެ. ޖޯ އަކީ އިނގިރޭސިވިލާތުގެ އެކްޓަރެކެވެ. ހޮލީވުޑްގެ ބައެއް ބޮޑެތި ޕްރޮޖެކްޓްތަކުގައި ވަނީ އޭނާ މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި "ފޭވަރިޓް" އާއި "ބޯއި އިރޭޒްޑް" ފަދަ ޕްރޮޖެކްޓްތައް ހިމެނެއެވެ.