22 Apr 2012, 14:43
ދެ ޕެސެންޖަރު ލައިނެއް މާލެއަށް ބަނދަރުކުރުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން އެއް ވަގުތެއްގައި މާލެއަށް ފައިބައިފި އެވެ. އެއް ފަހަރާ ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ ފޭބުމުން އެކަން ވެފައި ވަނީ މަދުން ނޫނީ ނުފެންނަ ކަހަލަ މަންޒަރަކަށެވެ. ބަނދަރުމަތީގެ ކާރުބާރު ބޮޑުވެ ޓޫރިސްޓު ވިޔަފާރި ވަނީ މައްޗަށް ޖެހިފަ އެވެ.
މާލޭ ބަނދަރުގައި އޮތީ "ކޯސްޓަލް ކްލެސިކާ" އާއި "ކޯސްޓަލް ވިކްޓޯރިޔާ" އެވެ. މީގެ ތެރެއިން ކޯސްޓަލް ކްލެސިކާ މާލޭ ބަނދަރަށް ވަނީ މިއަދު އެވެ. ކޯސްޓަލް ވިކްޓޯރިއާ އައީ މަހުގެ 21 ވަނަ ދުވަހު އެވެ. ވިކްޓޯރިއާ ފުރާނީ މިއަދު އިރު އޮއްސި 6:00 ޖަހާއިރު އެވެ. ކުރިއަށް އޮތް ހަފްތާތަކުގެ އިތުރު ޕެސެންޖާ ލައިންތަކެއް ރާއްޖެ އައުމަށް ހަމަޖެހިފައި ވެއެވެ.
މާލޭގެ ބަދަރުގައި މި ވަގުތު އޮތް އިޓަލީގެ "ކޮސްޓާ ކޮންކޯޑިއާ" ފްލީޓްގެ ކޯސްޓަލް ކްލެސިކާ އާއި ކޯސްޓަލް ވިކްޓޯރިއާ އިން ގިނަ ޓޫރިސްޓުން މާލެ ފެބުމާއެކު ސުޕަ ޔޮޓްތަކާއި ކުރޫޒް ލައިނާތަކުގެ އެޖެންޓުކަން ކުރާ މާޔާގެ އޮފިޝަލަކު މިއަދު ވިދާޅުވީ "މިއީ ބަލައިލަން ވަރަށް ހިތްގައިމު މަންޒަރެއް" ކަމަށެވެ.
ދެ ފަސިންޖަރު ލައިނުން އެއް ވަގުތެއްގައި 3000 އާ ގާތްކުރާ އަދަދަކަށް މާލެއަށް ޓޫރިސްޓުން މިއަދު ފައިބާނެ ކަމަށް ވެއެވެ. ޓޫރިސްޓުން މާލެ ފައިބަން ފެށުމުން އެއް ނަމްބަރު ފާލަން ސަރަހައްދު އޮތީ ފަސިންޖާލައިނުން ޓޫރިސްޓުން ބާލާ އުޅަނދުތަކަށް ހާއްސަ ކޮށްފަ އެވެ. އެއްވަގުތެއްގައި ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެއަށް ޖަމާވެފައިވާތީ ފުލުހުން ގެންދަނީ ޓޫރިސްޓޫން ގިނަ ސަރަހައްދުތަކުގައި ޓްރެފިކްވެސް ބަލަހައްޓަމުންނެވެ.
މިއަދު ދެ ފަސިންޖަރުލައިނުން ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެއަށް ފޭބުމުން ގެސްޓް ވިޔަފާރިތަކާއި ޓެކްސީތަކުގެ ވިޔަފާރި ރަނގަޅުވެ މާލޭގެ ބަނދަރުމަތީގެ ވިޔަފާރިންނަށް ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ.
"މީގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑު ފައިދާއެއް ވާނެ. ބުނަންވެސް ނޭންގޭ ވަރުގެ ފައިދާއެއް މިއީ. މި ޓޫރިސްޓުން ހިތްހަމަ ޖެހުމާއި ވިޔަފާރިވެރިންގެ ހިތްހަމަޖެހުން މިކަމުން ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.