09 Apr 2023, 17:45
ސެލެބްރިޓީ ޝެފް ޖޭމީ އޮލިވާގެ ކައިވެންޏަށް 23 އަހަރު ވުމާ ގުޅިގެން ރާއްޖޭގައި ޚާއްސަ ހަފުލާއެއް ބާއްވައިފިއެވެ.
އެ ހަފުލާ ބޭއްވީ, ޖޭމީ އާއި އަންހެނުން ޖޫލިއެޓް 'ޖޫލްސް' ނޯޓަން ޗުއްޓީ ހޭދަކޮށްލުމަށް ސޮނެވާ ފުއްޓަށް އާއިލާއާއެކު ކުރި ދަތުރެއްގައެވެ.
އެމީހުންގެ ކައިވެންޏަށް ފަސް ކުދިން ލިބިފައިވެއެވެ. އަދި ކައިވެނި ހަފުލާއެއް ގޮތަށް ސޮނެވާ ފުށީގައި ކުރިއަށް ގެންދިޔަ ހަފުލާގައި އެކުދިން ވެސް ބައިވެރިވިއެވެ.

ޖޭމީ އޮލިވާ އާއި އަންހެނުން ޖޫލިއެޓް ނޯޓަން ރާއްޖޭގައި ބޭއްވި ހަފުލާގެ ތެރެއިން --
މިވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ޖޭމީ ބުނެފައި ވަނީ، ކައިވެންޏަށް 23 އަހަރު ފަހުން ރާއްޖޭގައި އެމީހުންގެ ކައިވެނި އާކުރަން ނިންމީ، އެމީހުންގެ ދަރިން ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފެށުމުގެ ކުރިން އެކަން ކުރަން ބޭނުންވާތީ ކަމަށެވެ.
އޭނާ ހިއްސާކޮށްފައި ވާގޮތުގައި އެމީހުންގެ ކައިވެނި އެންމެ ފުރަތަމަ ކުރީ، ގިނަ މީހުންނަށް ނޭނގޭނެ ގޮތަށް ސިއްރުންނެވެ.
"އެ އުފާވެރި ހަނދާންތައް އަނެއްކާ އެންމެންނާއެކު އާކޮށް ހިއްސާކޮށްލަން ބޭނުންވީ،" ޖޭމީ ލިޔެފައި ވެއެވެ.
މީގެ އިތުރުން އޭނާ ބުނެފައި ވަނީ ރާއްޖެއަކީ އަބަދު ވެސް އަންނަން ބޭނުންވާ މަންޒިލެއް ކަމަށެވެ.
މި ހަފުލާއާ ގުޅިގެން ގިނަ ބަޔަކު ވަނީ އެދެމީހުނަށް މަރުހަބާ ކިޔާފައެވެ.