09 Apr 2023, 15:52
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އާއި ޕާކިސްތާނުގެ ސަފީރު ވަނީ ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތައުލީމްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ގައުމުން ގެންގުޅޭ އެއްކަހަލަ ގަބޫލު ކުރުންތަކާއި އުސޫލުތަކުގެ މައްޗަށްކަމުގައި ދެ ފަރާތުން ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އަދި، ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުންދާ އެމްއޯޔޫތައް އަވަހަށް ނިންމުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާލަތު އޮޅުން ފިލުއްވާފައެވެ. އަދި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުއެވެ.