މިރޭ ފަށަން ހަމަޖެހިފައިވާ މިއަހަރު ފުޓުބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗު ފަސްކޮށްފިއެއެވެ.

މިއަދު އެފްއޭއެމްއިން ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޓުގެ ހެޑް އިސްމާއީލް ރިޔާޒްގެ ތުއްތު ދަރިފުޅު ރޭ ފަތިހުގެ ވަގުތުގައި ކުއްލިއަކަށް ނިޔާވުމާ ގުޅިގެން އެ މުބާރާތް ފަސްކުރަން ނިންމާފައިވާކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ބާއްވަން ހަމަޖެހިފައި އޮތް ފުރަތަމަ ދެ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސް ވެސް ވަނީ މާދަމާ އަށް ފަސްކޮށްފައެވެ.

މީގެ ކުރިން އެ މުބާރާތް ފަށަން ހަމަޖެހިފައިވަނީ އީގަލްސް އާއި ވެލެންސިއާ ބައްދަލުކާ މެޗުންނެވެ. ނަމަވެސް އެ މެޗު ފަސްކޮށް އެފްއޭއެމްއިން ނިންމާފައިވަނީ މާދަމާ ރޭ ކުޅެން ތާވަލުކޮށްފައިވާ މާޒިޔާ ސްޕޯޓްސް ކުލަބު އަދި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗުން މުބާރާތް ފެށުމަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕު ކުރިއަށްދާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ ޗެމްޕިއަން ކުލަބް ވެލެންސިއާ އާއި، ކުލަބް އީގަލްސްގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯތްސް (ސަސް)އެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، ޓީސީ ސްޕޯޓްސް ކުލަބްގެ އިތުރުން ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސް ކުލަބެވެ.