09 Apr 2023, 19:53
ޙައްޖު އަދި ޢުމްރާގެ އަޅުކަމަށް މީހުން ގެންދާ ޢުމްރާ ގްރޫޕެއް ކަމަށްވާ އަލް މަޝްއަރް ޙައްޖު އެންޑް ޢުމްރާ ގްރޫޕުން މި ރަމަޟާން މަހު ޢުމްރާއަށް ގެންދިޔަ ބައެއް މީހުންނާ މެދު އިހުމާލުވެފައިވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، މައްސަލައިގެ ޝަކުވާ ސިޓީއަކުން މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަ ރޯދައިގެ އުމްރާއަށް ދިޔަ އައްޑޫ ފޭދޫއަށް ނިސްބަތްވާ އާއިލާއެކެވެ. އެ އާއިލާގެ ތިން މީހަކު އަލް މަޝްއަރްގެ ހަވާލުގައި އުމްރާ އަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެމަފިރިއަކާއި އެ މީހުންގެ ބޮޑުދައިތައެކެވެ.
އެ އާއިލާގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ވަނީ "ސަން" އަށް ލިބިފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި އެ މީހުން ތިބުމަށް ހަމަޖައްސައިދީފައިވަނީ ހަރަމްފުޅާ 4.8 ކިލޯމީޓަރު ދުރުގައި ހުރި ހޮޓަލެއް ގައެވެ. އެކަމުގެ ސަބަބުން އަޅުކަމަށް ދަތިވެ ދަތުރުފަތުރުގެ ބޮޑު ޚަރަދެއް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމަށާއި، ދަތުރުގެ ތެރޭގައި ހަމަޖެއްސި ގޮތަށް މަދީނާ އާއި އެހެން ތަންތަނަށް ޒިޔާރަތްކުރުމުގެ ކަންކަން ހަމަޖެހިފައި ނުވާ ކަމަށް ސިޓީގައިވެއެވެ.
މީގެ އިތުރުން، އެ ގްރޫޕްގެ އިހުމާލުން އާއިލާގެ އެކެއްގެ ވިސާ ހަމަނުޖެހި ފުރުން ލަސްވުމާ ގުޅިގެން މާލޭގައި ކުއްޔަށް ތަނެއްގައި ހިފައިގެން ތިބެން ޖެހުމާއި، ފުރަން އޮތް ދުވަހު ފުރުން ލަސް ވުމުގެ އިތުރުން، މައްކާއަށް ދިޔަ ފުރަތަމަ ދެ ދުވަހު ކެއުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދީފައި ނުވާ ކަމަށް އާއިލާއިން ބުނެއެވެ. އަދި، އެ އާއިލާއާ އެކީ ދަތުރުކުރި ފިރިހެން މީހާއަކީ ދާއިމީ ބައްޔަކަށް ބޭސް ކާ މީހަކަށްވީ ނަމަވެސް، މައްކާގައި ޑޮކްޓަރެއް ނުވަތަ މެޑިކަލް ޓީމެއްގެ އިންތިޒާމު ވެސް އެ ގްރޫޕުން ހަމަޖައްސާފައި ނުވާ ކަމަށް ވެސް އެ މީހުން ތުހުމަތުކުރެއެވެ.
އާއިލާގެ ފަރާތުން މިނިސްޓްރީގައި އެދިފައިވަނީ ގްރޫޕްގެ މެދުވެރިކޮށް ނުވަތަ މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގެ މަތީން ނަމަވެސް ހަރަމްފުޅާ ކައިރި ހިސާބަކުން ހުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާއިން އުމްރާއަށް ގޮސްފައި ވަނީ ކޮންމެ މީހަކަށް 34،000 ވަރަކަށް ރުފިޔާ ދައްކައިގެންނެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި އަލް މަޝްއަރް ގްރޫޕުގެ ފޯނަށް ޖަވާބު ދާރީ ނުވާތީ، އެ ފަރާތުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފައެވެ.