22 Apr 2012, 14:33
ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ފަންނީ އެހީ ދިނުމަށް އެދި ކޮމަންވެލްތުގައި ދަންނަވާފައިވާނެ ކަމަށާއި އެހެން ނަމަވެސް އެކަމަށް އެ ޖަމާއަތުން ޖަވާބެއް ދީފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ކޮމިޝަން އުފެއްދުމާ އެކު ކޮމަން ވެލްތުގެ އެހީތެރިކަމަށް އެދުނު ކަމަށާއި އަދި ފަންނީ އެހީތެރިކަން ދެއްވާނެ މާހިރެއްގެ މަސައްކަތުގެ ބަޔާނެއް ވެސް ކޮމަންވެލްތުގެ ސެކްރެޓޭރިއަޓަށް ހުށައެޅި ކަމަށެވެ. ނަމަވެސް ކޮމަން ވެލްތުން އެކަމުގައި މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން އަދި ބުނީ އިންކުއަރީ ކޮމިޝަނަށް ބޭރުގެ ކަމާ ބެހޭ މާހިރެއްގެ އެހީތެރިކަން ހޯދުމަށް ކޮމަން ވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ގޮވާލާފައިވާ ގޮވާލެއްވުމަކީ ދިވެހި ސަރުކާރުން ކުރިން ވެސް އެއްބަސްވެފައިވާ ކަމެއް ކަމަށެވެ. އަދި ބުނީ ކައިރި މުސްތަގުބަލެއްގައި ކޮމަންވެލްތުގެ އެހީތެރިކަމާ އެކު، އިންކުއަރީ ކޮމިޝަނަށް ފަންނީ ލަފާދެއްވާ މާހިރެއް ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެދޭ ކަމަށެވެ.
ކޮމަންވެލްތުގެ ބަޔާންތަކުގައި އެ ޖަމާއަތުގެ ފަންނީ އެހީ ރާއްޖެ އަށް ދޭނެ ވާހަކަ ބަޔާންކޮށްފައިވާ އިރު ވެރިކަން ބަދަލުވީ ގޮތް ތަހުގީގުކުރުމުގައި ބައިނަލްއަގުވާމީ ފަރާތްތައް ބައިވެރި ކުރުމަށާއި ރާއްޖޭގައި މިއަހަރު އިންތިހާބެއް ބޭއްވުމަށް ވެސް ގޮވާލާފައިވެ އެވެ. އަދި ނެޝަނަލް އިންކުއަރީ ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް ވެސް އެ ޖަމާއަތުން އެންމެ ފަހުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ބަޔާންތަކަށް ސަރުކާރުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެގޮތުން އެގްރޫޕްގެ ބަޔާންތަކަކީ ރަނގަޅަށް މައުލޫމާތު ނުލިބި ނެރެފައިވާ ބަޔާންތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަމެއްގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށް ސަރުކާރުގައި ހިމެނޭ ބައެއް ސިޔާސީ ޕާޓީތަކުން ތުހުމަތު ކުރާ އިރު އެޖަމާއަތުން ބުނެފައި ވަނީ، އެ ޖަމާއަތުގައި ހިމެނޭ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ދަނޑިވަޅުތަކުގައި މައްސަލަތައް ހައްލުކުރުމުގައި ބައިވެރިވުމަށް 2011 ވަނަ އަހަރު ޕާތުގައި ބޭއްވި ބައްދަލުވުމުގައި އެޖަމާއަތަށް މެންޑޭޓް ދީފައިވާ ކަމަށެވެ.