ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ 2023 މާރިޗް 29 އަދި 31ވަނަ ދުވަހު ކުރިއާ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެ ތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން 2023 މާރިޗް 29ވަނަ ދުވަހު ބަލައި ފާސް ކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި ހަ ދަޅަކުން، އަދި 2023 މާރިޗް 31ވަނަ ދުވަހު ބަލައި ފާސްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި ހަތަރު ދަޅަކުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮސްމެޓިކްސް ތަކެއްތެ ތެރެއިން ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތެކެތި-- ފޮޓޯ/ ކަސްޓަމްސް

މި ތަކެތީގެ ބަރުދަނުގައި ޕެކިނާ އެކު ޖުމްލަ 1800 ގުރާމް ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގަކީ ތިން މިލިއަން ދެ ލައްކަ ރުފިޔާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.