މެދުއިރުމައްޗަށް ނިއުކްލިޔާ ސަބްމެރިންއެއް ފޮނުވަން ނިންމިކަން އެމެރިކާއިން އިއުލާނުކޮށްފިއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ބުނިގޮތުގައި އެމެރިކާގެ ކަނޑުގެ ބާރުތަކުގައި ހިމެނޭ އެންމެ ވަރުގަދަ ހަތަރު ސަބްމެރިންގެ ތެރެއިން އެއް ސަބްމެރިން ކަމަށްވާ "ޔޫއެސްއެސް ފްލޮރިޑާ" ސްވޭސް ކެނެލް ހުރަސްކޮށް ރަތްކަނޑަށް ވަދެފައިވާކަމަށާއި އެ ސަބްމެރިން މިސްރާބު ޖަހާފައިވަނީ އަރަބި ކަނޑާއި ގަލްފުގެ ސަރަހައްދަށް ކަމުގައެވެ.

އެމެރިކާގެ ސަބްމެރިން މިހާތަނަށް އޮތީ މެޑިޓަރޭނިއަން ކަނޑުގައެވެ. އެމެރިކާގެ ކަނޑުގެ ބާރުތަކުގެ ސެންޓްރަލް ކޮމާންޑް އާ ހަވާލާދީ ބްލޫމްބާގް ނޫސް އެޖެންސީ ބުނާގޮތުން އެމެރިކާ ނިއުކްލިޔާ ސަބްމެރިން މިފޮނުވަނީ މެދުއިރުމަތީގައި އީރާން ހިންގަފާނެ އަސްކަރީ ހަރަކާތްތަކަކުން އެސަރަހައްދު "ދިފާއު" ކުރުމަށެވެ. މީގެ އިތުރުން އެމެރިކާގެ އަސްކަރީ ބާރު ދައްކާލުމާއި ޑިޕްލޮމެޓިކް ގޮތުން މެދުއިރުމައްޗަށް ޗައިނާ ވަންނަމަވެސް މެދުއިރުމަތީގެ އަސްކަރީ ބާރު އަދިވެސް އޮތީ އެމެރިކާކޮޅަށް ބަރުވާގޮތަށްކަން ހާމަކުރުމަކީވެސް އެމެރިކާގެ ބޭނުމެކެވެ.

ޔޫއެސްއެސް ފްލޮރިޑާ ސަބްމެރިން

އަލްޖަޒީރާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ މުހައްލިލެއްކަމަށްވާ ޗާލްސް ޑޭން ވިދާޅުވިގޮތުގައި ނިއުކްލިޔާ ސަބްމެރިން މެދުއިރުމައްޗަށް ފޮނުވުމުގައި އެމެރިކާގެ ދެބޭނުމެއް ވެއެވެ. ފުރަތަމަ ބޭނުމަކީ އީރާނަށް އަސްކަރީ މެސެޖެއް ދިނުމެވެ. ދެވަނަ ކަމަކީ ޗައިނާ މެދުވެރިއަކަށް ވެގެން ސައޫދީއާއި އީރާން ސުލްހަވިނަމަވެސް އެދެގައުމުގެ ދެމެދުގައިވާ މައްސަލަތައް ހައްލުނުވާކަމަށާ އެމައްސަލަތައް އެމެރިކާއަށް ހިލުވާލެވިދާނެކަމާއި ސަރަހައްދުގެ އަސްކަރީ ކޮންޓްރޯލް އޮތީ އެމެރިކާއަށްކަން ދެއްކުމެވެ.

މިގޮތުން އީރާނާއި ސައޫދީއާ ދެމެދު އަސްކަރީ ނުތަނަވަސްކަމެއް އުފެދިއްޖެ ހާލަތެއްގައި އަދިވެސް ސައޫދީ އެހީއަށް އެދޭނީ އެމެރިކާ ފިޔަވައި އެހެން ފަރާތަކުން ނޫންކަން ބަޔާންކޮށްދިނުމަކީ އެމެރިކާގެ ބޭނުމެއްކަން ޑޭން ފާހަގަ ކުރެއްވިއެވެ.

ސައޫދީ އާއި އީރާން ސުލްހަވުމަކީ އެދެގައުމު ޖައްސައި ފިތުނަކުރުވައިގެން ސައޫދީގެ ދިފާއުގައި ކަމަށްބުނެ ސައޫދީ އާއި ގަލްފުގެ އެހެން ގައުމުތަކަށް ހަތިޔާރު ވިއްކައިގެން ބޮޑު ފައިދާ ނެގުމުގެ ފުރުސަތު އެމެރިކާއަށް ގެެއްލިގެންދާ ކަމެކެވެ. މިފުރުސަތު ގެއްލުމަކީ އެމެރިކާ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

ސައޫދީއާއި އީރާނުގެ ޚާރިޖީ ވަޒީރުން މިދިޔަ ހަފްތާގައި ބެއިޖިންގައި ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެގައުމުގެ ގުޅުންތައް ބަދަހިކުރުމަށްވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އޭގެކުރިން އީރާނާއި ސައޫދީ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުންވަނީ ބެއިޖިންގްގައި ބައްދަލުކުރައްވައި އީރާނާއި ސައޫދީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް އަލުން އިއާދަކުރުމަަށް ނިންމައި އެކަމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއާއެކު އެމެރިކާވަނީ މެދުއިރުމަތީގެ ބޮޑުދޮރުން ޗައިނާ އެސަރަހައްދަށް ވަދެފިކަމުގެ އިހުސާސް ކުރަންޖެހިފައެވެ. އެމެރިކާ މެދުއިރުމައްޗަށް ނިއުކްލިޔާ ސަބްމެރިން ފޮނުވާ މައްސަލާގައި އަލްޖަޒީރާގައި ވާހަކަ ދައްކަވަމުން އީރާނުގެ މުހައްލިލެއްކަމަށްވާ އެގައުމުގެ ކުރީގެ ޑިޕްލޮމެޓް މުހައްމަދު މަހުދީ ވިދާޅުވިގޮތުގައި ސައޫދީއާއި އީރާން ސުލްހަ ކުރުވައިގެން ބޮޑުދޮރުން ޗައިނާ މެދުއިރުމައްޗަށް ވަނުމުން އެމެރިކާވަނީ ވަރަށް ކަންބޮޑުވެފައެވެ.

މަހުދީ ވިދާޅުވިގޮތުގައި އެއީ އެދެގައުމު ފިތުނަ ކުރުވައިގެން ސަރަހައްދު ބިރުވެރިކަމެއްގެ ތެރޭގައި ބާއްވައިގެން ޒަމާނުއްސުރެ އެމެރިކާ ނަގަމުން ގެންދިޔަ އަސްކަރީ އަދި ޖޮއިޕޮލިޓިކަލް ފައިދާތައް ދެން ނަގަން ދަތިވާނެކަމުގެ އިހްސާސްތައް އެމެރިކާއަށް ކުރެވިގެންނެވެ.

އަނެއްކޮޅުން ސަރަހައްދުގެ އެންމެ ބާރާއި ނުފޫޒުގަދަ ދެގައުމު ކަމަށްވާ އީރާނާއި ސައޫދީއާ ގުޅިގެން ޗައިނާ މެދުއިރުމައްޗަށް ވަނުމުން މެދުއިރުމަތީގައި ބަސްކިޔާ ހަމައެކަނި ގައުމުގެ ގޮތުގައި ދެން އެމެރިކާއަށް ނޯވެވޭނެކަމުގެ އިހުސާސްވެސް އެމެރިކާ ވަނީ ކުރަންޖެހިފައެވެ.

އީރާނުގެ މުހައްލިލު މަހުދީ ވިދާޅުވިގޮތުގައި މެދުއިރުމަތީގައި އީރާން ހިންގަފާނެ އަސްކަރީ ހަރަކާތްތަކަކުން އެސަރަހައްދު ދިފާއު ކުރުމުގެ ވާހަކަ އެމެރިކާ ދައްކާއިރު އިސްރާއީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސޫރިޔާ އަށް ހަމަލާދީ އުދުވާން ހިންގާތަނާ އަދި އިސްރާއީލުން ކޮންމެދުވަހަކު ފަލަސްތީނަށް ހަމަލާދީ ފަލަސްތީނު މީހުން މަރަމުން ގެންދާތަން ފެންނަ ކަމަށްވެސް އެމެރިކާ ނުހަދައެވެ.

މީގެއިތުރުން އެމެރިކާ ސޫރިޔާއަށް ވަދެގަނެގެން އުޅެނީ ގާނޫނާ ޚިލާފަށް ކަމަށާ އެއީވެސް މައްސަލައެއްކަމަށް އެމެރިކާ ނުދެކުމަކީ އެމެރިކާ ގެ ދެފުއްދެގޮތްކަން ހާމަވެގެންދާ ކަމެއްކަން މަހުދީ ފާހަގަ ކުރެއްވިއެވެ. އެމެރިކާ ސުލްހައަށް މަސައްކަތްކުރާނަމަ އެމެރިކާ ފުރަތަމަ ހުއްޓުވަންޖެހޭނީ އިސްރާއީލުގެ އުދުވާންކަމަށާ އަދި ސޫރިޔާގެ ހުއްދައަކާ ނުލައި ބައިނަލްއަގްވާމީ އުސޫލު މުގުރާލައި އިސްތިއުމާރީ އުސޫލުން ސޫރިޔާގައި ފައިހަރުކޮށްލައިގެން އެމެރިކާ އޮވެގެން ނުވާނެކަމަށްވެސް އީރާނުގެ މުހައްލިލު އަދި ކުރީގެ ޑިޕްލޮމެޓް މުހައްމަދު މަހުދީ ވިދާޅުވިއެވެ.

މެދުއިމަތީގެ މައްސަލަތައް ހައްލުކުރާނީ ބޭރުގެ ބާރުތަކާނުލައި އެސަރަހައްދުގެ ގައުމުތަކުން ކަމަށް އީރާނާއި ސައޫދީ އެއްބަސްވުމަކީ އެމެރިކާ ވަރަށް ދެރަވިކަމެއްކަމަށްވެސް މަހުދީ ވިދާޅުވިއެވެ. އެމެރިކާ މެދުއިރުމައްޗަށް ފޮނުވާ ސަބްމެރިންއަކީ ނިއުކްލިޔާ ހަކަތައިން ދުއްވާ އުޅަނދެކެވެ. އޭގައި ގައިޑެން ކްރޫޒް މިސައިލްގެ 154 ކްރޫޒް މިސައިލް ހިމެނެއެވެ.