ނ. މަނަދޫން ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރާ ގުޅިގެން ފުލުހުން އެ ރަށުގެ ފަޅުގެއެއް ބަލައި ފާސްކުރަން ފަށައިފިއެވެ.

މަނަދޫގައި ހުރި "ސަން"ގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރު އަހްމަދު ސާއިލް އަލީ މައުލޫމާތު ދިން ގޮތުގައި ބަލައި ފާސްކުރަނީ އެ ރަށު ހޮސްޕިޓަލުގެ ފުރަގަހަށްވާ ގޮތަށް ހުންނަ، ކޮލަމްބިއާ ކިޔާ ފަޅުގެއެކެވެ. އެ ގެ ހުރި ސަރަހައްދު ބަންދުކޮށް، ކުލަ ހެދުމުގައި ތިބި 12 ވަރަކަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފޮރެންސިކް ފުލުހުން ވެސް ބައިވެރިވެގެން އެ ގެ ފާސްކުރީ ގޭގެ ވެރިމީހާގެ ހާޒިރުގައެވެ.

އެ ގެ ފާސްކުރުމަށް ފަހު ފުލުހުން އެއްވެސް އެއްޗެއް ނުގެންދާ ކަމަށް ގޭގެ ވެރިމީހާ ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވުމުން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރި އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ.

ނައީމާގެ މަރާ ގުޅޭގޮތުން ފުލުހުން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޚާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ނައީމާގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އިއްޔެ ހަވީރު 17:20 ހާއިރު އޭނާ ވަނީ ވަޅުލާފައެވެ.