މަޝްހޫރު ގޭމް "ސުޕަ މާރިއޯ" ފްރެންޗައިޒްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލައިވް އެކްޝަން ފިލްމު ބޮކްސް އޮފީސް ހިޓަކާ ދިމާލަށް ދަތުރު ފަށައިފިއެވެ.

"ސުޕަ މާރިއޯ ބްރޮސް" ނަމުގައި ފިލްމެއް އުފައްދަން އުޅޭކަން އިއުލާނު ކުރުމާ އެކު ވެސް އެތައް ބައެއްގެ ފާޑުކިޔުން ވަނީ ރައްދުވެފައެވެ. އެތައް ބައެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅުންހުރި މި ގޭމް ފިލްމަކަށް ހަދައި އެ ހަނދާންތަކަށް ގެއްލުން ދޭނެ ކަމަށް ގިނަ ބަޔަކު ކިޔަމުން ދިޔައެވެ.

ހޮލީވުޑްގެ ބޮޑެތި ތަރިންނާ އެކު އެނިމޭޓެޑް ލައިވް އެކްޝަން ފިލްމެއް ތައްޔާރުކޮށް މިހާރު ރިލީޒްކޮށްފައިވާއިރު މި ފިލްމަށް ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ތަރުޚީބެއް ލިބެމުންނެވެ. އެގޮތުން ހަފުތާ ބަންދުގައި ފިލްމު އެޅުވިއިރު މި ފިލްމު ވަނީ ރެކޯޑެއް ގާއިމުކޮށްފައެވެ. މި ފިލްމު މިހާރު ވަނީ މިހާތަނަށް 368 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހަފުތާ ބަންދުގައި އެކަނި ވެސް ހޯދައިފައެވެ. އޭގެ ތެރޭގައި އެމެރިކާއިން އެކަނި ވެސް 173 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ހޯދާފައެވެ.

މި އާމްދަނީއާ އެކު ފިލްމަކީ މިހާތަނަށް ނެރުނު އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އޯޕެނިން އެއް ލިބިފައިވާ ފިލްމަށް ވަނީ ވެފައެވެ.

އެއާ އެކު ކުރިއަށް އޮތް ތަނުގައި ވެސް ފިލްމަށް ބޮޑު އާމްދަނީ އެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެންމެ ފުރަތަމަ ފިލްމުގެ އޯޕެނިން އަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 50 މިލިއަންގެ އާމްދަނީއެކެެވެ. ނަމަވެސް ލިބިފައިވާ އާމްދަނީއަކީ އެތައް ގުނަ ބޮޑު އާމްދަނީއެކެވެ.

މި ފިލްމުގެ ބޮޑެތި ރޯލުތަކަށް އަޑު އަޅާފައިވާ އެކްޓަރުންގެ ތެރޭގައި ކްރިސް ޕްރެޓް އާއި އާންޔާ ޓޭލާ ޖޯއިގެ އިތުރުން ޖެކް ބްލެކް ޗާލީ ޑޭ ހިމެނެއެވެ.