09 Apr 2023, 10:33
އުރީދޫ އިން އިންތިޒާމުކޮށްގެން ބޭއްވި "އުރީދޫ ބޮކީ ބޯޅަ ޓާނަމެންޓް 2023"ގެ އެއްވަނަ ޓީމަކަށް ޝަވިޔަނި ސައިންސް ހޮވިއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ރެހެންދި ސްކޫލުގެ ޓާފުގައި ކުޅުނު މި ފައިނަލް މެޗުގައި ވާދަކުރީ 'ރޭޖް ޖިމް' އާއި ޝަވިޔަނި ސައިންސްއެވެ. މި މުބާރާތުގެ ތިންވަނަ ހޯދީ ކްރޮސް ރޯޑްސް މޯލްޑިވްސް އެވެ.
މިއާ އެކު، މި މުބާރާތުން އެއްވަނަ ހޯދި ޓީމަށް ވަނީ 20،000 ރުފިޔާ ލިބިފައެވެ. އަދި ދެވަނަ ހޯދި ރޭޖް ޖިމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ/ އުރީދޫ
އަދި، ތިންވަނަ ހޯދި ކްރޮސް ރޯޑްސް އަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ލިބިފައެވެ.
މި މުބާރާތް ނިންމުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ޚާލިދް އަލް ހަމާދީ ވަނީ ޓީމުތަކުން ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވެ، ދެއްކި ކުޅުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، އެ މުބާރާތުން ހުނަރުވެރި ކުޅުންތެރިން ފެނުނު ވެސް ކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ބަމްޕާ ބޯޅައިގެ އެތެރެއަށް ކުޅުންތެރިން ވަދެ، ފުޓްސެލް ގޮތަށް ކުޅޭ މުބާރާތެކެވެ. މި މުބާރާތުގެ މެޗެއްގެ ދިގުމިނަކީ 10 މިނެޓެވެ. ކޮންމެ މެޗެއްގައި ދެ ހާފު ހިމެނޭއިރު، ތިން މިނެޓުގެ ބްރޭކެއް ދެ ހާފު ދެމެދަށް ލިބޭނެއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރިއެވެ. މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.