ނ. މަނަދޫން އަޙްމަދު ސާއިލް އަލީ

އެއީ، 1970އިގެ ކުރީކޮޅެވެ. މި ރަށުގައި ހުންނަ އަތޮޅު އޮފީހުގައި މަސައްކަތް ކުރާ މި އަތޮޅު ހޮޅުދޫ ފިރިހެނަކު ފެނުނީ އޭނާ ނިދާ ކޮޓަރީގައި ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވައެވެ. އެ ކޮޓަރީގެ ދޮރު ހަލާކު ކޮށްލައި މީހުން ވަނީ އޭނާ ޚަބަރެއް ނުވާތާ ގިނަ ދުވަސް ވުމުންނެވެ. ވަންއިރު ފެނުނީ ކަރުގެ ތިން ތަނަކަށް ވަޅި ހަރާފައި އޮށްވައެވެ. އަދި، އޭނާ މަރުވެގެން ވެއްޓިފައި އޮތްއިރު ކަރަށް ހެރިފައިވާ ވަޅީގައި އޮތީ ހިފައިގެންނެވެ.

އެ މަރު އޭރު ތަހުގީގުކޮށް ނިންމީ އޭނާ އަމިއްލައަށް މަރުވީ ކަމަށެވެ.

ސަބަބަކީ އޭނާ މަރުވެފައި އޮތް ކޮޓަރިއަށް ބޮޑު ދޮރުން ނޫނީ ވަދެވެން ނެތުމުންނެވެ. އަދި އެ ދޮރު ހުރީ އެތެރެއިން ތަންޑު އަޅައި ރަނގަޅަށް ބަންދު ކޮށްފައި ކަމުންނެވެ.

އެއީ މި ރަށު ދުވަސްވީ މީހުން ހަނދާން ހުންނަ މިރަށުގައި ހިނގި ޝައްކު ކުރެވޭ ފުރަތަމަ މަރެވެ.

އޭގެ ފަހުން 1990އިގެ ކުރީކޮޅުގެ ރޯދަ މަހެއްގައި އޭރު އުމުރުން 60 އަހަރުން މަތިވެފައިވާ އަންހެނަކު މި ރަށުން ގެއްލުނެވެ. އޭނާ ފެނޭތޯ މުޅި ރަށް ބެލިއިރު ވެސް ނުފެނުނެވެ. އެހެން އުޅެނިކޮށް މި ރަށު ފަޅުތެރެއިން ފެނުނީ ކަނޑިއްކަކާއި އަންހެނުންލާ ހެދުމެކެވެ. އެހާ ހިސާބުން އޭރުގެ ސަރުކާރުން އަންގައިގެން ތަހުގީގު ހުއްޓައިލިއެވެ. އޭރު ނިންމީ އެ އަންހެން މީހާ ކަނޑުވީ ކަމަށެވެ.

ނަމަވެސް އޭގެ 40 އަކަށް ދުވަސް ފަހުން އެ އަންހެން މީހާ ފެނުނީ ރަށުގެ ހޭޅިފަޅުގައި މަރުވެފައި އޮއްވައެވެ. އޮތީ ހެނދުން ވެސް ލައިގެންނެވެ. އަދި ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އެހެންވެ، އެ ފަހަރު ވެސް ނިންމީ އެއީ ގުދުރަތީ މަރެއް ކަމަށެވެ.

އެ ދެ މަރު ނޫނީ ޝައްކު ކުރެވޭ އެއްވެސް މަރެއް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް މި ރަށުގައި ހިނގާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު މި ރަށުގައި މިވަނީ އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލާފައި އޮއްވައި ފެނިފައެވެ. މި ރަށު އަންނާރުމާގޭ، 62 އަހަރުގެ، ނައީމާ މޫސާ މަރާލާފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީ ތެރޭގައެވެ. އަނިޔާވެރި ގޮތަކަށެވެ. ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހުގައެވެ.

އެ މަރުގެ ތަހުގީގަށް ދެ ދުވަސް ވާން ދާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މުޅި ރަށުގައި ވަނީ ބިރުވެރި ކަމެވެ. ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު އެ ޚަބަރު ލިބުނީންސުރެއް ރަށު ތެރޭގައި ވަނީ ބިރުވެރިކަން ފެތުރިފައެވެ. ބިރުން ނުނިދާ އެތައް ބަޔަކު އުޅުނެވެ. ސަބަބަކީ މިއީ މި ރަށަށް ވަރަށް އާ ކަމަކަށް ވާތީއެވެ. މި ރަށުގައި ގަސްތުގައި މީހަކު މެރިކަމެއް އެނގޭ ހަމަ އެކަކު ވެސް ނެތީއެވެ.

މި ރަށުގެ ރަޖިސްޓްރީގައި 2200 އެއްހާ މީހުން ޖެހިފައިވާއިރު ރަށުގައި 3000 އެއްހާ މީހުން ދިރިއުޅެއެވެ. ބިދޭސީން ވެސް ވަރަށް ގިނައެވެ. ރަށުގައި ގިނަ ބަޔަކު އުޅެނީ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވުމާ އެކު އެހެން ރަށްރަށަށް ވުރެން ގިނަ ޚިދުމަތްތައް ލިބޭތީއެވެ.

އާބާދީ ބޮޑު ރަށަކަށް ބަލާއިރު މިއީ ކުށް މަދު ރަށެކެވެ. ހާއްސަކޮށް ރާއްޖޭގެ އަތޮޅުވެރިކަން ކުރާ އެހެން ރަށްތަކާ އަޅާބަލާއިރު ކުށް ވަރަށް މަދެވެ. އެންމެ ފަހުން ވެސް މާރާމާރީއެއްގެ މައްސަލަ ފެންމަތިވީ 2017ވަނަ އަހަރުއެވެ. އެއީ ވެސް އެހާ ބޮޑު މާރާމާރީއެއް ނޫނެވެ. ވައްކަން އެހާ އާއްމެއް ނޫނެވެ. މި ރަށުގައި ގިނަ މައްސަލައަކީ މަސްތުވާތަކެތި ބޭނުން ކުރުމެވެ.

"މި ރަށުގައި އެކަން {މަސްތުވުން} މީހުން ވެސް މަސައްކަތް ކޮށްގެން އެ ބޯ އެއްޗެއް ބޯނީ. މީހުން އަތުން ފޭރި ވައްކަންކޮށް ވަރަށް ނުހަދާނެ،" ރަށުގެ މެދު އުމުރުގެ މީހަކު ބުންޏެވެ.

ރަށުތެރެ ވަރަށް އަމާނެވެ. މީހުންގެ އަގު ބޮޑު މުދާ ބަނދަރުމަތީގަޔާއި ރަށުގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުއްޓަސް މީހުން އެ އެއްޗެހި ވަގަށް ނަގައި ނުވަތަ ގެއްލުންދީ ނުހަދައެވެ.

"މި ގެންގުޅޭ ކެމެރާ ބަނދަރުގައި ބަހައްޓާފައި ގެއަށް ދޭބަލަ. ހަފުތާއެއް ވެފައި އަންނައިރު ވެސް އެ ބެހެއްޓި ތަނުގައި ހުންނާނެ. މި ރަށުގައި އެގޮތަށް ވައްކަން ކޮށެއް ނޫޅޭނެ،" މި ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

އެހާ ކުށް މަދު ރަށެއްގައި މިފަދަ ގަތުލެއް ހިނގުމަކީ ރަށު މީހުންނަށް ލިބުނު ބޮޑު ޝޮކެކެވެ. އެ މީހުން ތުހުމަތު ކުރަނީ މިއީ ރަށުން ބޭރު މީހަކު ހިންގި ކަމެއް ކަމަށެވެ.