ފަލަސްތީނުގެ އަލް އަޤްސާ މިސްކިތުގައި އަޅުކަން ކުރަމުންދާ މީހުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް އޮގަނައިޒޭޝަން އޮފް އިސްލާމިކް ސްޓޭޓްސް (އޯއައިސީ) އިން ކުށްވެރި ކޮށްފިއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އަނިޔާތަކާ ގުޅޭގޮތުން އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

އަންގާރަ ދުވަހުގެ ރޭ އިސްރާއީލުގެ ސިފައިން އަލް އަޤްސާ މިސްކިތަށް ވަދެ، އެތަނުގައި އަޅުކަންކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާއާއި، މާތްވެގެންވާ ރަމަޟާން މަހު އަޅުކަންކުރާ ފަރާތްތަކަށް އަނިޔާވެ، އަލް އަޤްސާ މިސްކިތަށް ގެއްލުންދިނުމާއި، އެ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ އުދުވާނީ އަމަލުތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ކަމަށްވާ މުހައްމަދު ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

އޯއައިސީގެ މެމްބަރު ގައުމުތަކުން ވަނީ އިސްރާއީލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށްދިނުމަށް އެދި އެ މައްސަލައާ ގުޅޭ ގަރާރެއް ވެސް ފާސްކޮށްފައެވެ.

ރާއްޖެއިން އަބަދުވެސް ގޮވާލަމުން ދަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅައި ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަން ޖެހޭ ކަމަށް ރާއްޖެއިން ދެކެއެވެ.