ޗެލްސީގެ ކޯޗުކަމަށް ފްރޭންކް ލަމްޕާޑު އެނބުރި އައިސް އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވޯލްވްސް އަތުން ބަލިވެ އެ ޓީމަށް އިތުރު ނުތަނަވަސްކަން ކުރިމަތިވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޯލްވްސްއިން ޗެލްސީގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޗެލްސީން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ނަމަވެސް މެޗުގެ 31 މިނެޓުގައި ވޯލްްވްސް ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ މެތުއުސް ނުނޭޒް ކާމިޔާބުކުރި ގޯލެކެވެ.

އެ މެޗުން މޮޅުވެ ވޯލްވްސް ވަނީ ތާވަލުގެ 12ވަނައަށް ޖެހިލައިފައެވެ. އެ ޓީމު ކުޅުނު 30 މެޗުން ވަނީ 31 ޕޮއިންޓު ހޯދައިފައެވެ. މެޗުން ބަލިވި ޗެލްސީ ތާވަލުގެ 11ވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 39 ޕޮއިންޓާ އެކުއެވެ.

އެ ޓީމު ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން މި ސީޒަންގައި އެ ޓީމަށް އިރުޝާދު ދެމުންއައި ކޯޗު ތޯމަސް ތުޗެލް މާގުމުން ވަކިކޮށް ބްރައިޓަންގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ ވަނީ އެ މަގާމަށް ގެނެސްފައެވެ.

ވޯލްވްސް އިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ ----

ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕޮޓާ ޗެލްސީއަށް ގެނައި ނަމަވެސް ހަތް މަސް ނުވަނީ މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ މަގާމުން ވަކިކޮށް ވަގުތީ ކޯޗެއްގެ ގޮތުގައި މި ސީޒަން ނިމެންދެން ލަމްޕާޑު ހަމަޖައްސައިފައެވެ.

ޗެލްސީން އެ މުއްދަތުގެ ތެރޭގައި ދިގު މުއްދަތަކަށް އެ ޓީމަށް ކޯޗު ކޮށްދޭނެ ކޯޗެއް ހޯދާނެ ކަމަށް ވެސް ފަބްރީޒިއޯ ވަނީ ބުނެފައެވެ.

ޗެލްސީއަށް ކުރިން ގިނަ އަހަރުތަކެއް ކުޅެ، އެ ކުލަބުގެ ލެޖެންޑެއްގެ ގޮތުގައި ކުޅުމުން ރިޓަޔާ ކުރުމަށްފަހު ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 2019ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ އެ މަގާމުން ވަކިކުރީ 2021ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.