ފިލްމު "ބޮބީ"އިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ބަތަލާ ޑިމްޕަލް ކަޕާޑިއާ ލީޑު ރޯލުން ފެންނަ ފުރަތަމަ ވެބް ސީރީސްއަށް ތައްޔާރުވެއްޖެއެވެ.

މިހާރު ވެސް ބައެއް ފިލްމުތަކުން ފެންނަ ބަތަލާ ސޮއިކޮށްފައި ވަނީ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ވެބް ސީރީސް ކަމަށްވާ "ސާސް، ބަހޫ އޯރް ފްލެމިންގޯ"އަށެވެ. ޑައިރެކްޓަރު ހޯމީ އަލަށް ޑައިރެކްޝަނަށް ނުކުތް "ބީންގް ސައިރަސް"ގެ ވެސް ލީޑިންގް ބަތަލާއަކީ ޑިމްޕަލް ކަޕާޑިއާއެވެ. ވެބް ސީރީސް "ސާސް، ބަހޫ އޯރް ފްލެމިންގޯ" ޕްރިމިއާކުރަން ނިންމާފައިވަނީ މި އަހަރުގެ މޭ ފަހެއްގައި ޑިޒްނީ ޕްލަސް ހޮޓް ސްޓާއިންނެވެ.

މި ވެބް ސީރީސްއާއި ބެހޭގޮތުން ޑިމްޕަލް ކަޕާޑިއާ ބުނެފައިވަނީ، މިއީ ވަރަށް ވަރުގަދަ ކެރޭ އަންހެނުންތަކެއްގެ ވާހަކަތަކެއް ކިޔައިދޭނެ ވެބް ސީރީސް އެއް ކަމަށެވެ. މިހާތަނަށް ބޮޑު ސްކްރީނުން އެކްޓަރުން ފެނިފައިވާ ރޯލުތައް އަންހެނުންތަކެއް ކެރިގެން ކުޅެ ވަރަށް ފުރިހަމަ ޕާފޮމެންސެއް ދައްކުވައިދޭނެކަމުގެ ޔަޤީންކަން ޑިމްޕަލްއަށް އެބައޮތް ކަމަށް ބަތަލާވަނީ ބުނެފައެވެ.

ޑިމްޕަލްއެކޭ އެއްގޮތަށް ޑައިރެކްޓަރު ހޯމީ އަދަޖާނީ ވެސް ބުނެފައިވަނީ މިއީ ހިތްވަރުގަދަ އަންހެންވެރިންތަކެއްގެ ވަރަށް ތަފާތު ވާހަކަތަކެއް ކިޔައިދޭނެ ސީރީސްއެކެވެ.

ޑިމްޕަލްވަނީ މީގެ ކުރިން ވެސް ވަނީ ވެބް ސީރީސްއަކުން ފެނިފައެވެ. އެމޭޒަން ޕްރައިމް ވީޑިއޯއިން 2021ވަނަ އަހަރު ރިލީޒްކުރި ވެބް ސީރީސް "ތަންޑަވް"ގައި ބަތަލާ ފެނިފައިވަނީ ވަރުގަދަ ސިޔާސީ ޝަޚްސިއްޔަތެއްގެ ރޯލުންނެވެ. ޑިމްޕަލްވަނީ ދާދި ފަހުން ރިލީޒްވި ފިލްމު "ތޫ ޖޫތީ މޭ މައްކާރް" އަދި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޕަތާން"ގެ ވަރަށް މުހިއްމު ރޯލްއިން ފެނިފައެވެ.