އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެންމެ ފުލުގައި އޮތް ސައުތުއެމްޓަން ބަލިކޮށް އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފިއެވެ.

ރޭ ސައުތުއެމްޓަން އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ސިޓީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ސިޓީން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހައިފައިވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. އެ ގޯލަކީ ކެވިން ޑި ބްރޭނާ ނެގި ހުރަހަކަށް އަރައި ބޮލުން އާލިން ހާލަންޑު ޖެހި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ސިޓީން ދިޔައީ ސައުތުއެމްޓަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 58ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ ޖެކް ގްރީލިޝް ފޮނުވާލި ބާރު ހަމަލާ ސައުތުއެމްޓަންގެ ގޯލު ކީޕަރު ގަވިން އަތުގައި ޖެހުމުން ދެވަނަ ފަހަރަށް ފޮނުވާލި ހަމަލާއިން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 68ވަނަ މިނެޓުގައި ގްރީލިޝް ނެގި ހުރަހަކުން ހާލަންޑު ވަނީ ރީތި ގޯލެއް ޖަހައިފައެވެ. ނަމަވެސް މެޗުގެ 72ވަނަ މިނެޓުގައި ސައުތުއެމްޓަންގެ މައޮސާ ޑެންޕޯ ތަނަވަސްކުރި ފުރުސަތަކުން ސެކޮއު މަރާ ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

އޭގެ ތިން މިނެޓު ފަހުން ސިޓީން ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލުޖަހައިފައެވެ. އެ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ހޫލިއަން އަލްވަރޭޒް ކާމިޔާބުކުރި ގޯލެކެވެ.

އެ މޮޅާއެކު ސިޓީ ވަނީ 29 މެޗު ކުޅެ ތާވަލުގެ ދެވަނައިގައި 67 ގޯލުޖަހައިފައެވެ. އެއްވަނައިގައި އޮތް އާސެނަލްއަށް 29 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ. މެޗުން ބަލިވި ސައުތުއެމްޓަން ތާވަލުގެ ފުލުގައި އޮތީ 30 މެޗު ކުޅެ 23 ޕޮއިންޓު ހޯދައިގެންނެވެ.