ޖިއޯ ސްޓޫޑިއޯސްއާއި މެޑޮކް ފިލްމްސް ގުޅިގެން ގެނެސްދޭ ޝާހިދު ކަޕޫރާއި ކްރިތީ ސެނޮންގެ ލޯބީގެ ފިލުމު ރިލީސްކުރުން އޮކްޓޯބަރު މަހަށް ތާވަލުކޮށްފިއެވެ.

ފިލުމު "ކޮކްޓެއިލް"، "ލަވް އާޖްކަލް" އަދި "ލުއްކާ ޗުއްޕީ"ފަދަ ފިލްމުތައް ގެނެސްދީފައިވާ މެޑޮކް ފިލްމްސްއިން ވަނީ ކްރިތީއާއި ޝާހިދުގެ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް އާއްމުންނަށް ދައްކާލައިފައެވެ. ފިލްމުގެ ޕޯސްޓަރު ބެލުމަށް ފަހު އާއްމުންގެ ގިނަބަޔަކު ބުނެފައިވަނީ ޝާހިދާއި ކްރިތީގެ އޮން ސްކްރީނުން ފެންނައިރު ވަރަށް ގުޅޭ ކަމުގައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު ފިލްމަށް ކިޔާނެ ވަކި ނަމެއް، އަދި ފިލްމު ސިނަމާގައި އަޅުވާނެ ވަކި ތާރީޚެއް ނުނިންމައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގައި ކްރިތީ ފެންނާނީ ހާއްސަ އުކުޅުތައް އިންސްޓޯލްކޮށްފައިވާ ރޮބޮޓެއްގެ ރޯލުންނެވެ. މި ރޮބޮޓަކީ ފިލްމުގައި ސައިންޓިސްޓެއްގެ ރޯލުން ފެންނަ ޝާހިދު ކަޕޫރާ އެކު މަސައްކަތްކުރާ ރޮބޮޓެކެވެ. ޝާހިދުގެ މަސައްކަތުގެ ތެރެއިން ރޮބޮޓަށް ހިތްޖެހި އެ ދެމެދުގައި އުފެދޭ ލޯބީގެ ގުޅުން މި ފިލްމުން ބެލުންތެރިންނަށް ފެންނާނެއެވެ. ޝާހިދާއި ކްރިތީގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ބަތަލާ ޑިމްޕަލް ކަޕާޑިއާ އަދި އެކްޓަރު ދަރުމެންދްރަ ފެންނާނެއެވެ.

މި ފިލްމަކީ ކްރިތީއާއި ޝާހިދު އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު ނަމަވެސް ކްރިތީ ވަނީ މީގެ ކުރި ންވެސް މި ފިލްމުގެ ޑައިރެކްޓަރާ އެކު މަސައްކަތްކޮށްފައެވެ. މި އަހަރު ރިލީޒްކުރި ފިލްމު "ޝެހެޒާދާ"އިން ކްރިތީ ފެނިފައިވާއިރު ދެން އެންމެ އަވަހަށް ކްރިތީ ފެންނާނީ މި އަހަރުގެ ޖޫން މަހު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "އަދިޕުރުޝް"އިންނެވެ. އެއަށް ފަހު އޮކްޓޯބަރު މަހު އެކްޓަރު ޓައިގާ ޝްރޮފާ އެކު ކުޅޭ ފިލްމު "ގަންޕަތް – ޕާޓް 1"އިން އޮކްޓޯބަރު މަހު ބަތަލާ ފެންނާނެއެވެ.