12 Apr 2023, 10:09
ތައުލީމީ ގޮތުން އެތައް ހަރުފަތަކަށް ކިޔެވުމަށް ފަހު، ޕައިލެޓުކަމުގެ ވަޒީފާގައި ދިރިއުޅެމުން ދިޔައީ ފާގަތި ދުވަސްތަކެކެވެ. ރަނގަޅު ވަޒީފާއަކާއި ފުދުންތެރި ދިރިއުޅުމެއް އުޅެވޭ ވަރުގެ އާމްދަނީއަކާ އެކު ދިރިއުޅެމުން އައީ ހަމަޖެހޭ ދިރިއުޅުމެކެވެ.
އެ ހުރިހާ ކަމެއް ނިމުމަކަށް އައީ ކުރަން ފެށުނު އެންމެ ކަމަކުންނެވެ. މަސައްކަތުގެ ގޮތުން ގަވާއިދުން މެޑިކަލް ހަދަން ޖެހޭއިރު، ހެދި ޓެސްޓުތަކުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، ވަޒީފާއިން ވަކިކުރި ހިސާބުން މުޅި ދިރިއުޅުން ބަދަލުވީއެވެ.
އޭގެ ފަހުން ރިހެބިލިޓޭޝަނުން ފަރުވާ ހޯދައިގެން ގިނަ ދުވަސްތަކަކަށް ފަހު، ރަނގަޅުވެގެން އެ ތަނުން ނުކުތީ، މާޒީވެ ދިޔަ ދުވަސްތަކާ މެދު ހިތާމަކޮށް އެ "މިސްޓޭކް" ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމުގެ އަޒުމުގައެވެ. އެ އަޒުމާއި މުސްތަގުބަލު އުޖާލާކުރުމަށް ކުރި އުއްމީދުތަކަށް ފަނޑުކަމެއް އައީ، ހަނދާން ނައްތާލަން ބޭނުންވި މާޒީ އެހެން މީހުން ހަނދާން ކޮށްދޭތީއެވެ.
އެ ދުވަހު ހެދުނު ގޯހުގެ މައްޗަށް ބިނާކޮށް، އެ މީހުން ދެކޭ ގޮތް މުޅިން ބަދަލުކޮށްލީމައެވެ. ބުރަ މަސައްކަތުން ކިޔަވައިގެން ހޯދި ވަޒީފާ ވެސް އަލުން ނުލިބުނީމައެވެ. އިތުރު ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތުން ވެސް މާޔޫސްކަމާ ކުރިމަތިވީމައެވެ. ގާތް ރަހުމަތްތެރިން ވެސް ނުދަންނަ މީހުންނަށް ބަދަލުވެ، އާއިލާ މީހުން ދުރު މީހުންނަށް ބަދަލުވީމައި ވެސް މެއެވެ.

މާލޭގެ މައިޒާނެއްގައި މީހަކު ނިދާފައި -- ސަން ފޮޓޯ/މުހައްމަދު ހައްޔާން
މި ހުރިހާ ދަތި އުނދަގޫތަކުން ކަޑައްތުކުރާތާ މިއީ ހަތަރުވަނަ އަހަރެވެ. ހަތަރު އަހަރުގެ ދުވަހުގެ ތެރޭގައި އައި ހަމައެކަނި ބަދަލަކީ ރަނގަޅުވެގެން އާ ދިރިއުޅުމެއް ފަށަން ކުރި މަސައްކަތުން މާޔޫސްވެ އަނެއްކާ ވެސް މަސްތުވާތަކެތީގެ ތެރެއަށް ގެނބިގެން ދިއުމެވެ. އެންމެ ފުރަތަމަ ޑްރަގަށް ފަރުވާ ހޯދައިގެން ނުކުތުމަށް ފަހު، ކުރި އުއްމީދުތަކާ ދިމާ އިދިކޮޅަށް މިހާރު ޚިޔާލާއި ފިކުރު ވެސް ބަދަލުވުމެވެ.
މިއީ މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ގަރަގުވީ ޒުވާނެއް، އޭނާގެ ދިރިއުޅުމުގެ ވާހަކަ ހިއްސާ ކޮށްދިން ގޮތެވެ. މިއީ ހަމައެކަނި އޭނާ އުފުލަމުން އަންނަ ބުރައެއް ނޫނެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިތިބޭ މީހުންނަށް ދެވޭ ފަރުވާއަށް ފަހު، އަނބުރާ މުޖުތަމައަށް ނުކުންނައިރު، އެ މީހާ މިޖުތަމައުން ބަލައިނުގަންނަ ވާހަކައެވެ. މިއީ ތަކުރާރުކޮށް، މި ވާހަކަ ދައްކައި، އާއްމު ކަމަކަށް ވީނަމަވެސް މި ކަމުގައި ހުރި ފުން މިނެއް ގިނަ ބަޔަކަށް ފަހުމެއް ނުވެއެވެ. ނުވަތަ ،ވިސްނައެއް ވެސް ނުލެވެއެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށް ގިނަ ބަޔަކު ވާކަން ފާހަގަކޮށް، އެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރެއެވެ. ނަމަވެސް އެ ކަމަށް ފަރުވާ ހޯދައިގެން، ރަނގަޅު ވެގެން އަނބުރާ އައުމުން، މުޖުތަމައުން އެ މީހުން އެކަނި ކޮށްލާ ވާހަކައަކަށް ސަމާލުކަމެއް ނުދެވެއެވެ.
އަބަދު ވެސް ފެންނަ ހަގީގަތަކީ، މަސްތުވާތަކެތި އެއް އިރެއްގެ ބޭނުންކުރި ކަމުގެ ރިކޯޑެއް އޮންނަ މީހެއް ނަމަ، އޭނާ މުޖުތަމައުން އެކަހެރިކޮށްލުމެވެ. މިއީ މިއަދު ދިވެހިންގެ ތެރޭގައި އޮންނަ ކަންބޮޑުވާން ޖެހޭ ވަރުގެ ބޮޑު މައްސަލައެކެވެ. އެއީ، އޭގެ ސަބަބުން ނިކުންނަނީ އިތުރު އެތައް ބޮޑެތި މައްސަލަތަކަކަށް ވާތީއެވެ. ޑްރަގު ފަރުވާއަށް ފަހު އަންނަ މީހުންނަށް އެންމެ ބޮޑަށް ބޭނުންވަނީ މުޖުތަމައުގެ ލޯތްބާއި އަޅާލުމާއި އެއްބާރުލުމަށްވާތީއެވެ. ނަމަވެސް އޭގެ ބަދަލުގައި މުޖުތަމައުން އެކަހެރިކޮށްލައި އެ މީހުންނަށް ދެވެނީ އިތުރު ދެރައެކެވެ.
"މުޖުތަމައުގެ ލޯތްބާއި އަޅާލުމަކީ ވަރަށް ބޮޑަށް އެފަދަ މީހުންނަށް ބޭނުންވާ އެއްޗެއް. ފަރުވާއަށް ފަހު އަންނަ ކޮންމެ މީހަކަށް ވެސް އެ އެއްބާރުލުން އެހެން މީހުންގެ ފަރާތުން ބޭނުންވާނެ. ދެވަނަ ފުރުސަތެއް ދޭން ޖެހޭ، ބަލައިގަތުން މުހިއްމު، ފުރުސަތުތައް ފަހިކޮށްދިނުން މުހިއްމު. މާޒީން އެ މީހަކު ޖަޖް ނުކުރުމަކީ އެއަށްވުރެ މުހިއްމު ކަމެއް. ނޫން ނަމަ އެ މީހާއަށް އެ ދެވެނީ ވަރަށް ރޯންގް މެސެޖެއް،" ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވިއެވެ.

މާލޭގެ އާޓިފިޝަލް ބީޗުގައި މީހަކު ނިދާފައި. -- ސަން ފޮޓޯ/މުހައްމަދު ހައްޔާން
ގިނަ ފަހަރަށް ފަރުވާއަށް ފަހު، މީހުން މުޖުތަމައަށް އަނބުރާ އައުމުން ވަޒީފާއެއް ހޯދުމަކީ ވެސް ނާދިރުކަމަކަށް ވެގެންދެއެވެ. އެއީ، މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ ރިކޯޑު އޮންނަ މީހެއް ކަމުން، ވަޒީފާ ދޭ މީހުން އެއްވެސް "ރިސްކެއް" ނަގަން ބޭނުން ނުވާތީއެވެ. އޭގެ ސަބަބުން ވަޒީފާއެއް ނެތި، އާމްދަނީ ހޯދާނެ ދޮރުތައް ބަންދުވެ، ދިރިއުޅުމުގެ ހާލަތު ދަށްވެއެވެ. އަދި، ކިތަންމެ ހުނަރުވެރި މީހެއް ނަމަވެސް އެ މީހާގެ ހުނަރުގެ ބޭނުން ވެސް ހިފޭތަނެއް ނާދެއެވެ.
މުޖުތަމައުން އެފަދަ މީހުންނަށް ދެވަނަ ފުރުސަތެއް ގިނަ ފަހަރަށް ނުދޭއިރު، އެ މީހުންގެ އާއިލާ މީހުންނާއި އާއިލާ ވެސް އެ މީހުން ބަލައިގަންނަން ދެކޮޅު ހަދައެވެ. އެންމެ ގާތްކޮށް އުޅުނު ރައްޓެހިން އެންމެ ފަހުން އެނގޭ ބަޔަކަށް ވެސް ނުވެދާތަން އާދެއެވެ. އާއިލާ މީހުންގެ ފަރާތުން އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބި، އެންމެ ދުރު މީހުން ނުކޮށްލާހާ ދުރުކޮށްލައެވެ.
ޝަމާއު ގަބޫލުކުރައްވައި ގޮތުގައި އިސްލާހު ވެގެން އެނބުރި މުޖުތަމައަށް ނުކުންނަ މީހުން ބަލައިގަތުމަކީ މި ވަބާއިން ސަލާމަތްވުމަށް މުހިއްމު ފިޔަވަޅެކެވެ. އެއީ، މަސްތުވާތަކެތިން ސަލާމަތްވާ މީހުންގެ ނިސްބަތް އިތުރުކުރަން މުހިއްމު ފިޔަވަޅެކެވެ.
ކުރީގައި ހެދުނު ގޯސްތައް އަބަދު ވެސް ހަނދާންކޮށްދީ، ރަނގަޅު އާ ދިރިއުޅުމެއް ފަށަން ބޭނުންވާ މީހުންގެ ހިތް ވެސް މަރައިލައެވެ. އޭގެ ސަބަބުން އެ މީހުން ދިރިއުޅުމާ ދޭތެރޭގައި ދެކޭ ގޮތް ބަދަލުވެއެވެ. އުޖާލާ މުސްތަގުބަލަކަށް ކުރާ އުއްމީދުތަކަށް ލިބެނީ އިތުރު ނިކަމެތިކަމެވެ. އެ ހުރިހާ ކަމަކާ މެދު ވިސްނައި އެހެން މީހުންގެ ކުރިމަތީގައި، ހުއްޓިލުމުގެ ހިތްވަރު ވެސް އެ މީހުންގެ ކިބައިގައި ނުހުރެއެވެ. ނަފުސާނީ ގޮތުން ކުރާ އެ އަސަރުތައް ދާއިމީ ކަމަކަށް ބަދަލުވެ، އުމުރު ދުވަހު އެ ކަމުގެ ބުރަ އުފުލަން ޖެހެއެވެ.
މިގޮތަށް މުޖުތަމައުގައި ދިރިއުޅޭ މީހުންގެ އަމަލުތައް ހުންނަނީ އެ މީހުންގެ ވިސްނުން ހުންނަ ގޮތުންނެވެ. އެއް އިރެއްގައި މަސްތުވާތަކެތި ބޭނުންކުރި މީހަކީ ދެން ވެސް އެކަން ކުރާނެ މީހެއް ކަމަށް ހީވެފައި އޮންނާތީއެވެ. އަދި، އެ މީހުންނަކީ ދެން މުޖުތަމައަށް ބޭނުންތެރި އަދި މުހިއްމު ބައެއްކަމުގައި ނުދެކޭތީއެވެ. އަބަދު ވެސް ކުރީގެ ގޯސްތަކުން އެ މީހުންގެ މިހާރާއި މުސްތަގުބަލު އޮންނާނެ ގޮތް މާކުރިން ނިންމާފައިވާތީއެވެ.
ނަމަވެސް އެއީ އެކަން އޮންނަ ޖެހޭ ގޮތެއް ނޫނެވެ. އެ ވިސްނުން ބަދަލުކުރުން މުހިއްމު ކަމަށް މި ދާއިރާގައި މަސައްކަތް ކުރާ މީހުން ގަބޫލުކުރެއެވެ. އެއީ، އެ ވިސްނުން ބަދަލުކޮށް، ޑްރަގު ފަރުވާ ހޯދުމަށް ފަހު އަންނަ މީހުންނަށް ދޭން ޖެހޭ އެއްބާރުލުން ދީފިނަމަ، މަސްތުވާތަކެތީ މައްސަލަތައް ވެސް މަދުވާނެތީއެވެ.
ގިނަ ފަހަރަށް މުޖުތަމައު އެ މީހުން ބަލައިނުގަތުން ވެސް ވަނީ މަސްތުވާތަކެތީގެ މަގަށް އެފަދަ މީހުން މަގުދައްކާ ސަބަބަކަށެވެ. އެހެންކަމުން މުޖުތަމައުގެ އެއްބާރުލުމާއި އަޅައިލުން، އެފަދަ މީހުންނަށް ލިބޭނަމަ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ލިބޭ އިތުރު ހިތްވަރަކަށް ވެސް އެކަން ވެގެންދެއެވެ.

މަސްވެރިންގެ ޕާކުގައި ތަންމަތި އަޅައިގެން ބަޔަކު ނިދާފައި. އެ ސަރަހައްދުގައި ގިނައިން ނިދަނީ ޑްރަގް ބޭނުންކޮށްގެން ތިބެ އެ މީހުންގެ އާއިލާއާ ކުރިމަތިލާން ބޭނުން ނުވާތީ އެ ސަރަހައްދަށް ނިދަންދާ މީހުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން
ހަގީގަތަކީ މިއީ ކަމުގައިވާއިރު، މިފަދަ މައްސަލަތައް ގިނަވެ އަދި ފަރުވާ ހޯދައިގެން އަންނަ މީހުންނަށް އަނބުރާ މުޖުތަމައަށް ނާދެވުމުގައި ބޮޑު އިހުމާލެއް މުޖުތަމައުގެ ވެސް އޮވެއެވެ. އެކަން ބަދަލުކުރެވޭނީ ފަރުދީ ޒިންމާ ނަގައި އަމިލަ ވިސްނުން މިކަންކަމާ މެދު ބަދަލުކޮށްގެންނެވެ. އަދި، މިކަންކަމާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު އެނގި، ހޭލުންތެރިވެގެންނެވެ. މާޒީއަކީ މީހެއްގެ މިހާރާއި މުސްތަގުބަލު ކަނޑައަޅާ އެއްޗަކަށް ހެދުމުގެ ވިސްނުން ދޫކޮށްލައިގެންނެވެ. އެފަދަ މީހުންނަކީ ކިހާ ވަރަކަށް އެހެން މީހުންގެ އެހީތެރިކަމާއި، ލޯތްބާއި އަޅާލުން ބޭނުންވާ ބައެއްކަން ދެނެގަނެގެންނެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ގަބޫލުކުރައްވައި ގޮތުގައި އެފަދަ މީހުން މުޖުތަމައުން ބާކީ ކޮށްލުމަކީ ގޯހެކެވެ. އޭގެ ބަދަލުގައި އެ މީހުން ބޭނުންވާ އެއްބާރުލުން އެ މީހުންނަށް ދޭން ޖެހެއެވެ.
"ބުނެވޭ އަދި ކުރެވޭ ކިތަންމެ ކުޑަ ކަމެއް ވެސް ވެދާނެ އެފަދަ މީހުންނަށް އެތައް ގޮތަކުން އިފެކްޓް ކުރާ ކަމަށް، އަސްލު އެފަދަ މީހުން ދުރުކޮށް އެކަހެރި ކޮށްލުމަކީ ހައްލެއް ނޫން. އެ މީހުންނަށް ދޭން ޖެހޭ ސަޕޯޓްދީ އެއްބާރުލުން ދޭން ޖެހޭ، ވަރަށް ވަލްނަރަބަލް ކޮމިއުނިޓީއެއްކަން އެނގިތިބެ، އެ މީހުން ރަނގަޅުވެ އައުމުގައި މުޖުތައުމު ކުޅޭ ރޯލް އާއްމުންނަށް ވަރަށް ބޮޑަށް އެނގެން ޖެހޭ،" ސައީދު ވިދާޅުވިއެވެ.
ޑްރަގު ފަރުވާގެ އެންމެ ފަހުގެ މަރުޚަލާ އައިސް ނިމެނީ މުޖުތަމައު އެ މީހުން ބަލައިގަތުމާ ހިސާބުންނެވެ. އެފަދަ މީހުންނަކީ ވެސް މުޖުތަމައުގެ ހިއްސާއެއް ކަމަށް ދެކި، މުޖުތަމައަށް ބޭނުންތެރި އަދި މުހިއްމު ބައެއްކަން އެ މީހުންނަށް އިހުސާސްކޮށްދޭ ހިސާބުންނެވެ. އެ މީހުންނަށް ދެވަނަ ފުރުސަތެއް ދީގެން، އެ ދެވެނީ އިސްލާހުވާން ބޭނުންވާ ކިތަންމެ ބަޔަކަށް ހިތްވަރެކެވެ. އެ ހިތްވަރު ވެގެންދާނީ މުޖުތަމައުގައި މިފަދަ މައްސަލަތައް މަދުކޮށް، އަދި މުޅިން ނައްތާލުމަށް ކޮށޭ މަގަކަށެވެ.