ދުނިޔޭގެ އެންމެ ޒަމާނީ ސްކޫބާ އިކުއިޕްމަންޓް އުފެއްދުމުގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ އަކުއާޓެކް އިނޮވޭޝަންސްއިން އަމިއްލައަށް އަލި އުފައްދާ "ވެޓް ސޫޓެއް" ނެރުމަށް ތައްޔާރުވެއްޖެއެވެ.

މި އުފެއްދުމަކީ ޑައިވް ގިއާ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.

އެ ކުންފުނިން ބުނާ ގޮތުގައި މި ވެޓް ސޫޓަކީ ރޭގަނޑު ކަނު އަނދިރީގައި ފީނަން ދާއިރު ވަށައިގެންވާ މާހައުލު އަލިކޮށްދިނުމަށް އުފައްދާފައިވާ ގްލޯ ސޫޓެކެވެ. މީގެ ސަބަބުން ޑައިވަރުންނަށް ޑައިވް ލައިޓްތައް ގެންގުޅެން ޖެހޭ މިންވަރު ކުޑަވެ ފަސޭހަވެގެން ދާނެއެވެ.

"ގްލޯ ސޫޓް" ގެ ނަމުން ނަންދީފައިވާ މި ވެޓް ސޫޓަކީ ޖެލީފިޝްއާ ކަނޑުގެ އެންމެ އަޑީގެ ދިރުންތަކުގެ އަލި ނަކަލުކޮށް ތައްޔާރުކޮށްފައިވާ ސޫޓެކެވެ.

މި ސޫޓުން މަޑު ނޫ އަދި ފެހި ކުލައިގެ އައްޔެއް ދޫކުރާއިރު، ޑައިވަރުންނަށް ކަނޑުގެ ދިރުންތަކުގެ ގުދުރަތީ ސުލޫކަށް ބުރޫނާރާ ގޮތަށް އެމީހުންގެ ވަށައިގެންވާ މާހައުލު ފެންނާނެއެވެ.

ގްލޯސޫޓްއާ ބެހޭ ގޮތުން މަޝްހޫރު މެރިން ބަޔޮލޮޖިސްޓް އަދި އަކުއާޓެކް އިނޮވޭޝަންސްގެ ކޮންސަލްޓަންޓެއް ކަމަށްވާ ޑރ. ޖޭން މެރިން ވަނީ ވިދާޅުވީ ގްލޯސޫޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ޑައިވިން ޕްރެކްޓިސްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އާޓިފިޝަލް އަލި ބޭނުންކުރުން އެންމެ ކުޑަކޮށް، ކަނޑުގެ އިކޯސިސްޓަމްތަކުގެ ނާޒުކުކަން ރައްކާތެރިކޮށް، ޑައިވަރުންނަށް ހަގީގީ ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ޑރ ޖޭން ވިދާޅުވިއެވެ.

"ގްލޯ ސޫޓް" ގެ ފުރަތަމަ ލުކް -- ފޮޓޯ/ ޝަޓާސްޓޮކް

ގްލޯސޫޓް އުފައްދާފައިވަނީ އާދަޔާ ޚިލާފު މެޓީރިއަލްއަކުންނެވެ. "ޑައިނޯފްލެޖެލެޓްސް" ގެ ނަމުން ނަން ދެފައިވާ މި މެޓީރިއަލް އަކީ މައިކްރޯސްކޯޕިކް އަލްގޭ (މޫދު ފެހި) ފޮތިގަނޑެކެވެ.

މި އަލްގޭތަކަކީ ފެންގަނޑުގެ ތެރޭގައި ޑައިވަރު ހަރަކާތްތެރިވާއިރު ކެމިކަލް ރިއެކްޝަނެއްގެ ތެރެއިން އަލި އުފެއްދުމުގެ ގާބިލްކަން ހުންނަ އަލްގޭތަކެކެވެ.

މި ސޫޓްގެ ފޮތިގަނޑު ފަރުމާކޮށްފައިވާ ގޮތުން ޑައިވްކުރާ ވަގުތުގެ ދިގުމިނަށް އޭގެ އަމިއްލަ ޒާތުގައި އަމިއްލައަށް އަލި ދެމެހެއްޓޭނެއެވެ.

ގްލޯސޫޓްގެ އެންމެ މުހިންމު އެއް ފައިދާއަކީ ކަނޑުގެ ދިރުންތަކަށް ކުރާ އަސަރު ކުޑަވުމެވެ. އާންމުކޮށް ގެންގުޅޭ ޑައިވް ލައިޓްތަކަކީ ކަނޑުގެ ދިރުންތަކަށް އުނދަގޫވެ އަސަރުކުރާ ލައިޓްތަކެކެވެ.

އަކުވާޓެކް އިނޮވޭޝަންސް ބުނި ގޮތުގައި ގްލޯސޫޓްގެ ޓެސްޓްތައް މިހާރު ހަދާފައި ކަމަށާއި، އޭގެ ނަތީޖާތައް ލިބިފައިވަނީ އުއްމީދީ ގޮތަކަށެވެ.

އަދި ޓެސްޓް ކޮށްފައިވާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ގްލޯސޫޓްއާއެކު އެހެން ދުނިޔެއެއްގެ ޑައިވިން ތަޖުރިބާއެއް ކުރެވުމެކޭ އެއްފަދައެވެ. ހާއްސަކޮށް ވަށައިގެންވާ މާހައުލު ފެންނަ ފެނުން ތަފާތެވެ.

ކުރިއަށް އޮތް ތަނުގައި ވެޓްސޫޓުގެ އިތުރުން ގްލޯސޫޓްގެ ޑްރައިސޫޓް ވާޝަނެއް އުފެއްދުމުގެ ޕްލޭންތައް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ވާޝަނަކީ ފިނި މާހައުލުތަކުގެ ޑައިވަރުންނަށް ވެސް ބޭނުންކުރެވޭނެ އުފެއްދުމެކެވެ.